ސައުތު އެފްރިކާގައި ކިލާ ވޭލްތަކެއް ގުޅިގެން 17 މިޔަރު މަރާލައިފިއެވެ. މިޔަރުތަކަށް ހަމަލާ ދީފައިވަނީ ދެ ކިލާ ވޭލްއެއް ގުޅިގެންނެވެ.
ޕޯޓު އެންޑު ސްޓާބޯޑު ނަމަކަށް ކިޔާ މި ކިލާ ވޭލްތައް ސައުތު އެފްރިކާގެ ޕާލީ ބީޗުގެ ކަނޑުގެ އައްސޭރިފަށުގައި ކަނޑުގެ އެހެން ދިރުންތަކަށް ހަމަލާތައް ދެމުންދާތާ މިހާރު 20އަކަށް އަހަރުވަނީއެވެ.
އެހެންނަމަވެސް މިހާ ގިނަ އަދަދެއްގެ މިޔަރަށް އެއްފަހަރާ ހަމަލާދިން މިއީ ފުރަތަމަ ފަހަރެވެ. ކިލާ ވޭލްތައްވަނީ މިޔަރުތަކުގެ މޭތައް ކާލާފައެވެ. މި މިޔަރުތައް މަރުވެގެން ލައްގާފައިވަނީ ޕާލީ ބީޗަށެވެ.
މީގެ 2 ހަފްތާކުރިންވެސް މި ކިލާ ވޭލްތައްވަނީ 11 މިޔަރު މަރާލާފައެވެ. ކިލާ ވޭލްތައް ހަމަލާ ދެނީ އަންހެން މިޔަރަށެވެ. މި ހުރިހާ މިޔަރެއްގެވެސް މޭ އޮންނަނީ ކާލާފައެވެ.

ސައިންވެރިން ދަނީ މި ކިލާ ވޭލްތަކުގެ އުޅުން ވަރަށް ގާތުން ބަލަމުންނެވެ. އަދި މިޔަރަށް ހަމަލާ ދެމުންދަނީ ކީއްވެގެންތޯ ދެނެގަތުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.
އޯރްކާ ވޭލް ނުވަތަ ކިލާ ވޭލްއަކީ ކޯމަހުގެ އާއިލާގެ އެންމެ ބޮޑެތި ވަތްތަރުގެ މަހެވެ. އާއްމުގޮތެއްގައި މި ބާވަތުގެ ކޯމަސް އުޅެނީ ފިނި ހިސާބުތަކުގައެވެ. އެހެން ނަމަވެސް އަހަރުގެ ބައެއް ދުވަސްވަރު އެކި ހިސާބުތަކަށް ހިޖުރަކޮށް ހަދައެވެ.