މާފަރު ބަނދަރު، ފޮޓޯ- މާފަރު ފޭސްބުކް ޕޭޖް
މާފަރު ބަނދަރު، ފޮޓޯ- މާފަރު ފޭސްބުކް ޕޭޖް

މާފަރު ބަނދަރުގައި މަސް ކެނޑުމާއި ވިއްކުން މަނާކޮށްފި

މަސް މާރުކޭޓު ފިޔަވައި، ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި، އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަސްތަކެއް ކެނޑުމާއި ވިއްކުމަކީ މަނާކަމެއްކަމަށް ކަނޑައަޅައި، މާފަރު ބަނދަރު ބެލެހެއްޓުމާއި ބެހޭ އުސޫލު އާއްމުކޮށްފިއެވެ.

މާފަރު ކައުންސިލް އިދާރާއިން ގެޒެޓުކޮށްފައިވާ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުސޫލުގައިވަނީ އެކި އެކި ފަރާތްތަކުން ބަނދަރު ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތްތައް ތަފްސީލްކޮށް ގެނެސްދީފައެވެ. އެގޮތުން މި އުސޫލުގައި މަސްވެރިންނާއި ގުޅުން ހުރި ބައިތަކަށް ބަލާއިރު، މަސް ކިރުވުމާއި، މަސް ވިއްކުމާއި، އަދި އެން ކޮށި ގެންގުޅުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވެއެވެ.

މަސް މާރުކޭޓު ފިޔަވައި، ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި، މަސް ކެނޑުމާއި ވިއްކުމަކީ މަނާކޮށްފައިވާއިރު، މަސް މާރުކޭޓަށް މަސް ގެންދިޔުމުގައި، ނުވަތަ އުފުލުމުގައި ބަނދަރުގެ އެއްގަމު ތޮއްޓާއި، ބަނދަރު ސަރަހައްދުގައި، އަޅާފައިވާ ގާތަށް، ހަޑިވާގޮތަށް އެކަން ކުރުމަކީ، މަނާކަމެކެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ، އެ ހަޑިވިތަކެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސް ކިރުވަން ވާނީ، ބަނދަރުތެރޭގައި މަސް ކިރުވުމަށް ކައުންސިލުން އާއްމުކޮށްފައިވާ އުސޫލުތަކާއި، އެއްގޮތްވާގޮތުގެ މަތިން، ކައުންސިލަށް ހުށަހަޅައި، ކިޔުމުން ނުވަތަ އަނގަބަހުނ ވެރިއެއްގެ ހުއްދަ ހޯދައިގެންނެވެ. މިކަމަށް ބޭޏުންކުރަންވާނީ މަސްކަޑައިގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުކަމަށް އުސޫލުގައިވެއެވެ.

މަސްކިރުމުގެ ތެރޭގައިވެސް ބަނދަރުތެރެއަށް ކުންޏާއި، މަހުގެ ބާވަތްތަކާއި، ނޫންވެސް މިފަދަ ތެކތި އުޅުމަކީ މަނާކަމެއް ކަމަށާއި ބަނދަރު ތެރޭގައާއި، ބަނދަރު ސަރަހައްދުގައި އެން ކޮށްޓާއި، ދިރޭމަސް ކޮށީގައި ބެހެއްޓޭނީ ކައުންސިލުން ހުއްދަނަގައިގެން ކަމަށެވެސްވަނީ ކަނޑައަޅާފައެވެ.

އެހެންނަމަވެސް މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައި އާއި ހަރުކޮށްފައި ހުންނަ ދާތަކުގައި، ވަގުތީގޮތަށް ގެންގުޅުމަކަށް ހުރަރެއް ނާޅާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި މިގޮތަށް މަސް ގެންގުޅެންވާނީ، އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަކަށެވެ.

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދާ ޙިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވެނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500 ރުފިޔާ އާއި 1000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުންމ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާ އާއި 3000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ނުވަތަ ކައުންސިލުން ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިފައިވާނެ ކަމަށް މާފަރު ކައުންސިލް އިދާރާއިން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބަނދަރު ސެލޯލާފަ،މީހަކަށް ބޭނުން ނުކުރެވޭ ގޮތަށް ޓޭޕް ދަމާފަ ބާއްވަން ފެނޭ