އިންޑިއާގެ ބީޗަކަށް ވާވޮށި ވެލާތަކެއް 12 ގަޑިއިރުގެތެރޭގައި 40000އަށް ވުރެ ގިނަ ބިސް އަޅައިފިއެވެ.
އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ރުޝިކުލްޔާ ކޯރުގެ އައްސޭރިއަށް އެރި ވަނީ ގިނަ އަދަދެއްގެ ވެލާތައް ބިސް އަޅަން އަރާފައެވެ. މި ސަރަހައްދަކީ ވެލާ ބިސް އަޅާ ސަރަހައްދަކަށްވުމުން މިއީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްވެސްމެއެވެ.
މިހާ ގިނަ އަދަދެއްގެ ވެލާތައް ބިސް އަޅަން އެރުމުން ކަމާއި ގުޅޭ އޮފިޝަލުންނަށްވެސް މިކަންވެގެންދިޔައީ ޝައުގުވެރިކަމަކަށެވެ. އެގޮތުން ވެލާތައް ބިސް އަޅާ ނިމެންދެން އެ ހިސާބު ބަންދުކޮށް އެތަންވަނީ ގާޑުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް އެ ސަރަހައްދަށްވަނީ 50000އަށްވުރެ ގިނަ ބިސް އަޅާފައެވެ. މިހާތަނަށް އައި އިރު، 4 ލައްކައަށްވުރެ ގިނަ ބިސް ކޯރުގެ އައްސޭރިއަށް އަޅާފައިވާކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.
ފޮރެސްޓު އޮފިޝަލުން ހާމަކުރާގޮތުގައި ކުރިއަށް އޮތް 4 ދުވަހުވެސް ގިނަ އަދަދެއްގެ ވެލާތައް ބިސް އަޅަން އައުން އެކަށީގެންވެއެވެ.