އިނގިރޭސިވިލާތުގައި 'ތޯރ ދަ ވޮންޑަރިންގް ވޯލްރަސް' ގެ ގޮތުގައި މަޤްބޫލުކަން ހޯދާފައިވާ ވޯލްރަސްއެއް ދެ މަސް ފަހުން އައިސްލޭންޑުން ފެނިއްޖެއެވެ.
އެންމެ ފަހުން މި ވޯލްރަސް ފެނިފައިވަނީ މިދިޔަ މަހުގެ 4ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. އައިސްލޭންޑުން މި ވޯލްރަސް ފެނިގެން އޭގެ ފޮޓޯތައް ނަގާ މީޑިއާތަކާއި ހިއްސާކޮށްފައިވަނީ މަސްވެރިއެއް ކަމަށްވާ އެލިސް އެލިސަންއެވެ. އޭރު އޭނާއަށް މިއީ މަޝްހޫރުކަން ލިބިފައިވާ ތޯރ ވޯލްރަސް ކަމެއް ނޭގެއެވެ.
އެލިސްއަށް ތޯރ ފެނިފައިވަނީ ބޯޓުތައް އަޅާފައިވާ ބަނދަރުގައި އަރާމުކުރަނިކޮށެވެ. ވަރަށް ދުރުން އޭތީގެ އުޅުން ބަލަމުން ގޮސް އޭތި އައިސްފައިވަނީ ވަރަށް ދުރު ދަތުރެއްކޮށްފައިކަން އެލިސްއަށް ވިސްނުނެވެ. ސަބަބަކީ ގިނަ އިރުތަކެއް ވެގެން ދިޔައިރުވެސް އޭތި ހަމަ އެތަނުގައި އަރާމުކުރަން އޮތުމުންނެވެ.

އޭނާ މީޑިއާތަކާއި ހިއްސާކުރި ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެ، އިނގިރޭސިވިލާތުގެ މީހުންނަށް އެއީ މަޝްހޫރުކަން ލިބިފައިވާ ތޯރކަން އެނގުނެވެ. ސަބަބަކީ އޭގެ ގައިގައި ހުރި ނިޝާންތަކުންނެވެ.