އައިސްޕްލާންޓެއް ހިންގުމަށް ގއ. މާމެންދޫ ބަނދަރު ސަރަހައްދުން ބިމެއް ދޫކުރުމަށް ދެވަނަ ފަހަރަށް އިޢުލާނު ކޮށްފިއެވެ.
މާމެންދޫ ކައުންސިލް އިދާރާއިން ބުނީ އައިސްޕްލާންޓެއް ހިންގުމަށް އެ ރަށު ބަނދަރުގެ ދެކުނުފަރާތުން ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅާފައި ނުވާތީ، ދެވަނަ ފަހަރަށް އެ ފުރުޞަތު ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މާރިޗް 2023 ވާ (އާދީއްތަ) ދުވަހުގެ 10:30 އަށް އެރަށު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު 14 މާރިޗް 2023 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް އެ އިދާރާއަށް ހާޒިރުވެ، ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނަށެވެ.