މަސްވެރިކަމާއި ގުޅޭ

Australia-great-barrier-reef-queensland

ކުއިންސްލޭންޑުގެ ގްރޭޓް ބެރިއާ ރީފް އެކްސްޕޯޓް ފިޝަރީޒް ހުއްދަ ބާތިލްކޮށްފި

އޮސްޓްރޭލިއާގެ ކުއިންސްލޭންޑުގެ ގްރޭޓް ބެރިއާ ރީފް އެކްސްޕޯޓް ފިޝަރީޒް ލައިސަންސް ބާތިލްކޮށްފިއެވެ.

އޮސްޓްރޭލިއާގެ މައި ސަަރުކާރުން ކުއިންސްލޭންޑު ކަމާބެހޭ ފަރާތްތަކަށް ދޫކޮށްފައިވާ ގްރޭޓް ބެރިއާ ރީފް އެކްސްޕޯޓް ފިޝަރީޒް ލައިސަންސް ބާތިލްކޮށްފައިވަނީ ކޮމަންވެލްތުން ކަނޑައަޅާފައިވާ އުސޫލުތައް ތަންފީޒުނުކުރާތީއެވެ.

މިކަން އޮސްޓްރޭލިއާގެ މައި ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ސޫސަން ލޭ ވަނީ ކުއިންސްލޭންޑުގެ އެގްރިކަލްޗަރ މިނިސްޓަރ މާކް ފާރނާއަށް ސިޓީ އަކުން އަންގާފައެވެ. މިސިޓީގައި ވާގޮތުން ކުއިންސްލޭންޑަށް ދީފައިވާ ގްރޭޓް ބެރިއާ ރީފް އެކްސްޕޯޓް ފިޝަރީޒް ލައިސަންސް ބާތިލްކޮށްފައި ވަނީ އޮސްޓްރޭލިއާގެ އެންވާރަމަންޓް ޕްރޮޓެކްޝަން އެންޑް ބަޔޮ ޑަޔަވާރސިޓީ ކޮންސަވޭޝަން ގަނޫނާއި، ކޮމަންވެލްތުގެ މުއާހަދާތަކާއި ހިލާފުވާތީކަމަށެވެ.

އޮސްޓްރޭލިއާގެ މައި ސަރުކާރުން ބުނީ މިކަން ތަންފީޒުކޮށް، ގްރޭޓް ބެރިއާ ރީފް އެކްސްޕޯޓް ފިޝަރީޒް ލައިސަންސްގެ ދަށުން ދީފައިވާ ހުއްދަތައް ބާތިލް ވާނީ މިމަހުގެ 30 ފަހުކަމަށެވެ. އަދި އެތާރީހަށްފަހު ކުއިންސްލޭންޑަށް ނިސްބަތްވާ ކަނޑުގެ ވަކި ސަރަހައްދުތަކުގައި އެކްސްޕޯޓުކުރުމަށް މަސްވެރިކަން ނުކުރެވޭނެއެވެ. މިސަރަހައްދުތަކުގައި މަސްވެރިކަން ކުރުން މަނާކޮށްފައިވަނީ މަސްވެރިކަން ކުރާ ބައެއް ފަރާތްތަކުން ހިމާޔަތްކުރެވިފައިވާ ބައެއް ބާވަތުގެ މަހާއި، އެހެނިހެން ތަކެތި ބާނާ ވިޔަފާރިކުރާކަމުގެ ރިޕޯޓްތައް ކުރާތީއެވެ. އަދި މިސަރަހައްދުގެ ތިމާވެއްޓަށް ނުރައްކާތެރިވާ ގޮތައް މަސްވެރިކަން ކުރާތީއެވެ. މިސަރަހައްދުގައި ހިމާޔަތްކުރެވިފައިވާ މަހާއި އެކި އެހެނިހެން ދިރޭ ތަކެތި އުޅަނދުތަކުން ބާނާތީ، އެކަމާއި ދެކޮޅަށް ކަނޑުގެ ދިރުންތައް އާލާކުރުމާއި، ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އެކި ޖަމިއްޔާ ޖަމައަތްތަކުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދަނީ އަޑު އުފުލަމުންނެވެ.

އޮސްޓްރޭލިއާގެ މައި ސަރުކާރުގެ އެންވަޔަރަމަންޓު މިނިސްޓަރު ސޫސަން ލޭ ވިދާޅުވީ މިސަރަހައްދަށް ދީފައިވާ ރީފް ފިޝަރީޒް ހުއްދަ ބާތިލްކުރަންޖެހުނީ 2018 ގައި އޮސްޓްރޭލިއާގެ މައި ސަރުކާރާއި ސަަރަހައްދީ ސަރުކާރުތަކުގެ މެދުގައި އެއްބަސްވެފައިވާ ކަންކަމާއި ކުއިންސްލޭންޑުގެ ކަމާބެހޭ ފަރާތްތަކުންވެސް ހިލާފުވެފައިވާތީކަމަށެވެ. އަދި ކުއިންސްލޭންޑުގެ ކަނޑުގެ ސަރަހައްދުގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބާރުއަޅާ، މިދާއިރާއިން އޮސްޓްރޭލިއާއިން ހޯދިފައިވާ ކާމިޔާބިތަކަށް އަސަރުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ގިނަ އުޅަނދުތަކަކުން ގަވައިދާ ހިލާފު އަމަލްތައް ހިންގާއިރު، ކުއިންސްލޭންޑުގެ ކަމާބެހޭ ފަރާތްތަކުން އެކަމާއި މެދު ފިޔަވަޅު އަޅާފައި ނުވާކަމަށެވެ.

މިކަމުގެ ރައްދުގައި ކުއިންސްލޭންޑުގެ ސަރުކާރުން ބުނީ ކުއިންސްލޭންޑުގެ ކަނޑުގެ ސަރަހައްދުގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނިވި އަދި ހުރިހާ ގާނޫނުތަކާއި ގަވައިދުތަކަށް ފެތޭ މަސްވެރިކަމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބައެއް މިފަދަ ގަވައިދާ ހިލާފުވާ ފަރާތްތަކާޢިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!