މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާގުޅޭ ގަވާއިދެއް ފިޝަރީޒް މިނިސްޓްރީން ހަދައި، ގެޒެޓް ކޮށްފިއެވެ.
ބުދަ ދުވަހު ގެޒެޓްކުރި މި ގަވާއިދަކީ، ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް ލިބިދޭ ބާރާއެކު ހަދާފައިވާ ގަވާއިދެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ގަވާއިދު ހިނގާނީ، ކުރިން ކިރުވިފައި ނުވާ ކަނޑުމަހުގެ ބާވަތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަށް (ޓްރާންސްޝިފްކުރުމަށް) ބޭނުންކުރާ އުޅަނދުފަހަރާއި، މަސް ގަންނަ ފެސިލިޓީއަކަށް ގަނެފައިވާ ނުވަތަ ކިރުވިފައިވާ މަސް އުފުލުމަށް ބޭނުންކުރާ ކެރިއަރ ނުވަތަ ރީފަރ ފަދަ އުޅަނދުފަހަރާއި، މަސްވެރިންނަށް އައިސް ވިއްކުމަށް އައިސްޕްލާންޓް ގާއިމުކޮށް ހިންގާ ފަރާތްތަކަށެވެ،
ގަވާއިދާ ހިލާފަށް ކުރެވޭ އަމަލުތަކާއި ހިންގޭ ހަރަކާތްތަކަށް، މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅައި، ޖޫރިމަނާ ކުރެވޭނެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ގަވާއިދު ޝާއިއު ކުރާ ދުވަހުން ފެށިގެން، ގަވާއިދަށް އަމަލު ކުރަން ފެށޭނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އެހެންކަމުން މިިދިޔަ ބުދަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލު ކުރަން ފެށޭނެއެވެ.