img-6215f30eb8a0306bf9307f8473848ef6-v

ސްޕޯޓްސް ފިޝިންއާއި ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފަތި ގާއިމު ކުރުމުގެ ޕްރޮގްރާމް ފަށައިފި

ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންގއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން [ވަދު ކަނދުފަތި] ޤާއިމްކުރުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

2021 ވަނަ އަހަރު އަޖުމަބެލުމުގެ ގޮތުން މިމަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ފަރުމާކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުގެ ނަތީޖާއަށް ބަލައި ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްގެން ރަސްމީކޮށް މިއަދު ފެށުނު ޕްރޮގްރާމުގައި މިއަދު ފެށި ދަތުރުގައި ދެކުނުގެ 4 ސަރަޙައްދެއް ސަރވޭކޮށް އެސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިދަތުރުގައި ކަނދުފަތި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ގއ، ޏ އަދި ސ އަތޮޅުގައެވެ.

މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިއަހަރު ކުރުމަށް ހަމަޖެހިފައިވެއެވެ.

އަލަށް ޤާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުޞަތުތަކެއް ހުޅުވި މިމަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ޤަބޫލުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

1 މާރިޗް 2023 އިން 12 މާރިޗް 2023 އަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން ފަށާފައިވާ ކަނދުފަތި ޤާއިމުކުރުމުގެ ދަތުރުގައި 4 ވަދު ކަނދުފަތި އަދި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ 1 ކަނދުފަތި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަނދުފަތިތަކަކީ:-

  • ގއ. މާމެންދޫގެ އިރުން 4.5 މޭލު ބޭރުގައި ވަދު މަސްވެރިކަން 00 ދަރަޖަ 42 މިނިޓް 34 ސިކުންތު ، އުތުރު އަރުޞު ((00˚42'34"N 73 ދަރަޖަ 30 މިނިޓް 49 ސިކުންތު، އިރު ތޫލު (73˚30'49"E)
  • ޏ. ފުވައްމުލައް އިރުދެކުނު ވަދު މަސްވެރިކަން ސަރވޭކުރުމަށް ފަހު ޕޮޒިޝަން ކަނޑައެޅުމަށް
  • ސ. ހުޅުމީދޫގެ އިރު ދެކުނުން 6 މޭލު ބޭރުގައި ވަދު މަސްވެރިކަން 00 ދަރަޖަ 38 މިނިޓް 35 ސިކުންތު، ދެކުނު އަރުޞު (00˚38'35"S) 73 ދަރަޖަ 20 މިނިޓް47 ސިކުންތު،އިރު ތޫލު (73˚20'47"E)
  • ސ. ގަމުގެ ދެކުނުން 5 މޭލު ބޭރުގައި ވަދު މަސްވެރިކަން 06 ދަރަޖަ 00 މިނިޓް 15 ސިކުންތު، ދެކުނު އަރުޞު (00˚47'02 "S 72) ދަރަޖަ 41 މިނިޓް 39 ސިކުންތު، އިރު ތޫލު (73˚09'43"E) 72 ދަރަޖަ 41 މިނިޓް 39 ސިކުންތު، އިރު ތޫލު (73˚09'43"E)
  • ސ. ވިލިނގިލީގެ އިރުން 15 މޭލު ބޭރުގައި ދޮށީގެ މަސްވެރިކަން 00 ދަރަޖަ 44 މިނިޓް 32 ސިކުންތު، އަރުޞު ((00˚44'32"S 73 ދަރަޖަ 27 މިނިޓް 57 ސިކުންތު، އިރު ތޫލު (73˚27'57"E)

ކަނދުފައްޗަކީ ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ދޮށީގެ މަސްވެރިކަމާއި، ވަދު މަސްވެރިކަމުގައި ޙަރަކާތްތެރިވާ މަސްވެރިންގެ ލާބަޔާއި މަންފާއަށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކެއް ކަމުގައި ވާތީވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާގައި ވާފަދައިން ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަށް ގެއްލުން ވާފަދަ ޢަމަލެއް ނުހިންގުމަށާއި، އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 މޭލު ސަރަޙައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެންބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށާއި ވަދުމަސްވެރިކަމަށް އަމާޒުކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުން ދޮށީގެ މަސްވެރިކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!