އެމެރިކާގެ ބީޗުތަކަށް މަރުވެގެން ލައްގާ ބޮޑުމަސްތަކުގެ އަދަދު އިތުރުވަމުންދާތީ ކަމާއި ގުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނޭޝަނަލް އޯޝަން އެޓްމޮސްފެރިކް އެސޯސިއޭޝަން، ނޯއާއިން ލަފާކުރާގޮތުގައި މިހާ ގިނަ އަދަދަކަށް ބޮޑު މަސް ލައްގަމުން މި ދަނީ ވައި ދައުރުވާގޮތަށް އައިސްފައިވާ ބަދަލާއި އެކު އޮއި ހުންނަ ދިމާތައް ބަދަލުވުމުންނެވެ.
އެހެންނަމަވެސް ކަމާގުޅޭ އެހެން އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މިއީ ބޮޑު މަސްތައް މިހާ ގިނަ އަދަދަކަށް ލައްގަން ޖެހޭ ސަބަބެއް ނޫނެވެ.
މިދިޔަ ބުދަ ދުވަހުވެސް ވަނީ ސައުތު ޖާޒީގެ ބީޗަކަށް މަރުވެގެން ބޮޑު މަހެއް ލައްގާފައެވެ. އެއީ އެ ހަފްތާ ތެރޭ އެ ހިސާބަށް ލެއްގި ދެވަނަ ބޮޑު މަހެވެ. ބޮޑު މަސް މަރުވެފައިވާ ސަބަބު ދެނެގަތުމަށް ތަހުލީލުތައް ކުރުމަށްވަނީ ނިންމާފައެވެ.
މިދިޔަ ޑިސެމްބަރުމަހުން ފެށިގެން މިހާ ހިސާބަށް އައި އިރު، 25 ބޮޑު މަސް ލައްގާފައި ވާއިރު، އޭގެތެރެއިން 14 ބޮޑުމަސް ލައްގާފައި ވަނީ މަރުވެގެންނެވެ. އަދި މީގެތެރެއިން ގިނައީ ހަމްޕްބެކް ވޭލްތަކެވެ.
ބައެއް ސައިންސްވެރިން ބުނާގޮތުގައި ބޮޑު މަސްތައް މަރުވާ މިންވަރު އިތުރުވެފައި މިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެންނެވެ. އަދި ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ޕެންޑަމިކްގައި އުފެދުނު އޮންލައިންކޮށް އެއްޗެހި ގަތުމުގެ އާދައާއި ގުޅިގެން ކުރިމަތިވެފައިވާ ކަމެކެވެ. ސަބަބަކީ އޮންލައިންކޮށް އެއްޗެހި ގަންނަ މިންވަރު އިތުރުވުމުން ކާގޯ ބޯޓުތަކުގެ ދަތުރުތައް އިތުުރުވެ، އޭގެން ބޮޑުމަސްތަކަށް ދިމާވާ އުނދަގޫތައް އިތުުރުވުމެވެ.
މަރުވެގެން ލައްގާ ބޮޑު މަސްތަކުގެތެރެއިން ގިނަ އަދަދެއްގެ އެއްޗެހީގެ ގައިގައި ބޯޓުން ޖެހި އަނިޔާ ލިބިފައި ހުންނަ ކަމުގެ ނިޝާންތައް ހުރެއެވެ.



