އައްޑޫ ޒުވާނުން މަސްވެރިކަން ކުރާ ސަރަހައްދުގައި ކަނދުފަތި އަޅާތީ އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު، ރައީސް ހިބްރާހިމް މުހައްމަދު ޞާލިހަށް ޝުކުރު އަދާކޮށްފިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންގއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން [ވަދު ކަނދުފަތި] ޤާއިމްކުރުމުގެ ޕްރޮގްރާމް ސަރުކާރުން ރަސްމީކޮށް ފަށާފައި ވަނީ މި މަސް ފެށުނު ތަނުންނެވެ.
މިދަތުރުގައި ކަނދުފަތި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ގއ، ޏ އަދި ސ އަތޮޅުގައެވެ.
އެކަމާ ގުޅިގެން ޝުއާއު ވިދާޅުވީ އައްޑޫސިޓީގެ މަސްވެރިން އާންމުކޮށް މަސްވެރިކަންކުރާ ސަރަހައްދުތަކުގެ ތެރެއިން ކުރީގެ ވިލިގިލި ކަނދުފަތި އޮތް ސަރަހައްދާއި، ކުރީގެ ސުނާމީ ކަނދުފަތި އޮތް ސަރަހައްދުގެ އިތުރުން މުޅިން އަލަށް މީދޫ ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫސިޓީއަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
" އައްޑޫސިޓީ ކައުންސިލްގެ އެދުމުގެ މަތިން ސަރުކާރުން އައްޑޫސިޓީގެ މަސްވެރިންގެ ޒަމާންވީ މަސްވެރިކަން ކުރާ ސަރަހައްދުގައި ކަނދުފަތި ނެތުމުގެ ޝަކުވާއަށް ނިމުމެއް ގެނައުމަށް ކުރިޔަށް ގެންދަވާ މިމަސައްކަތައް ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަން" ޝުއާއު ވިދާޅުވިއެވެ.