މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ށ. ފުނަދޫގައިވެސް އަންހެނުންނަށް ހާއްސަކޮށްގެން މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.
ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރި އިއުލާނެއްގައި ބުނީ، މި މަސްރޭހުގައި18 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރި ވެވޭނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަސްރޭހުގައި ފައިސާގެ އިނާމު އަދި އުމުރުން ދުވަސްވީ މަސްވެރިޔާއަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން ބ. ކެންދޫގައި ވެސް މަސްރޭހެއް ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ކެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރި އިއުލާނެއްގައި ބުނީ، އަންހެނުންގެ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން 'ކަނބަލުންގެ މަސްރޭސް' އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މުބާރާތުގެ އެއްވަނަ އަށްް2500 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ އަށް1500 އަދި ތިންވަނައަށް300 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
ޖުމްލަ 14000 ރުފިޔާގެ އިނާމާއެކު ކުޅުދުއްފުށީ އަންހެނުންނަށް މަސްރޭހެއް ބޭއްވުމަށްވެސް މި ހަފްތާގެ ތެރޭގައި ވަނީ އިއުލާނު ކޮށްފައެވެ.
"ކަނބަލުންގެ މަސްރޭސް2023" ގެ ނަމުގައި ބާއްވާ އެ ހަރަކާތަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.
އެ މުބާރާތުގައި އެއްވަނައަށް ދާ ޓީމަކަށް5000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނައަށް ޓާ ޓީމަކަށް3000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް1000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު އެންމެ ބަރު މަސް ބޭނި ފަރާތަކަށް1000 ރުފިޔާ އަދި އެއްވަނަ އަންހެން ކެޔޮޅަށް2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.