ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް

ތުރުކީއަށް އެހީވުމަށް ދިވެހި ސަރުކާރުން ފަސް ލައްކަ މަސްދަޅު ފޮނުވައިފި

ތުރުކީއަށް އެހީވުމަށް ދިވެހި ސަރުކާރުން ފަސް ލައްކަ މަސްދަޅު ފޮނުވައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން، މަސްދަޅުތައް ތުރުކީ ސަރުކާރާ ހަވާލުކޮށްދިނީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ އަހުމަދު ލަތީފެވެ. އަދި ތުރުކީން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ކޮންސިއުލޭޓްގެ ބޭފުޅުންނެވެ.

ޓާކިޝް އެއާލައިންގެ ފްލައިޓަކުން މަސް ދަޅުތައް އަޅާފައިވާ ފަސް ބެޗެއް އުފުލައިގެން ގެންދާއިރު، މި މަހުގެ 10 ވަނަ ދުވަހަށް ތުރުކީއަށް އެ ތަކެތި ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތުރުކީއަށާއި ސީރިއާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަހިސްފައި ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އެޔާއެކު އެ ސަރަހައްދުގެ ބައެއް ގެތައް ބިމާ ހަމަވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އަދި އެތައް ހާސް ބައެއް ވަނީ ހާލުގައި ޖެހިފައެވެ.

އެހެންކަމުން، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ތުރުކީއަށާއި، ސީރިއާއަށް އެއް މިލިއަން ކަނޑު މަސްދަޅު (ކޮންމެ ޤައުމަކަށް ފަސް ލައްކަ) ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

ސީރިޔާ-ތުރުކީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ނިންމިއިރު، ކޮވިޑު ފެތުރި ޗައިނާ އަށް ކުރިމަތިވި ދަތި ހާލުގައި އެ ގައުމަށް އެހީވުމަށް ރާއްޖޭން އެ ގައުމަށް އެއް މިލިއަން މަސް ދަޅު ހަދިޔާކުރި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!