އިންޑިއާގެ ބީޗަކަށް 6 ލައްކައަށްވުރެ ގިނަ ވާވޮށި ވެލާ ބިސް އަޅަން އަރައިފިއެވެ. މިއީ ރެކޯޑު އަދަދެއް ކަމަށް އޮފިޝަލުން ހާމަކުރެއެވެ.
އިންޑިއާގެ އޮޑިޝާގެ ރުޝުކުލްޔާ ކޯރުގެ އައްސޭރި ފަށަށް ރެކޯޑު އަދަދަކަށް ވެލާތައް ބިސްއަޅަން އަރާފައިވާއިރު، މިއީ އަށްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ހިސާބަށް ބިސް އަޅަން ވެލާތައް އަރާފައިވާ އަދަދެެވެ.
ވެލާތައް ބިސް އަޅަން އަރާފައިވާ ބީޗުގެ ދިގުމިނުގައި 3 ކިލޯ މީޓަރު ހުރެއެވެ. ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 23ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 6،37،008 ވެލާ އެ ބީޗަށް ބިސް އަޅަން އަރާފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 86000 ވެލާގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު އެ ބީޗަށް ބިސް އަޅަން އަރާފައިވަނީ 550317 ވެލައެވެ. 2018ވަނަ އަހަރު މި އަދަދު ހުރީ 4.82 ލައްކައިގައެވެ.
ގިނަ އަދަދެއްގެ ވެލާތައް ބިސް އަޅަން އަރާފައިވާއިރު، ގިނަ އަދަދެއްގެ ކުދި ވެލާތައް ބިސް ވަޅުތަކުން ނިކުންނާނެކަމަށް އޮފިޝަލުން ލަފާކުރެއެވެ.
ބިސް ވަޅުތައް ހިމާޔަތްކުރުމަށްވެސް ހާއްސަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ. އެގޮތުން އެ ހިސާބުގައި ފޯރިމެރުމަށް އާއްމުންނާއި، ކަމާގުޅޭ ފަރާތްތަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި އޮފިޝަލުންވަނީ ފެންސްވެސް ޖަހާފައެވެ. އަދި ކުދި ވެލާތައް ނިކުންނާނެ ދުވަސް ކައިރިވުމުން މަދިރި ދާ ގަނޑުތައް އެ ހިސާބު މަތީގައި ޖަހާނެ ކަމަށާއި، އެއީ ދޫނިފަދަ ތަކެތިން ކުދި ވެލާތައް ސަލާމަތް ކުރުމަށް ކަމަށް އޮފިޝަލުން ހާމަކުރެއެވެ.