ރޯވެ އަޑިއަށްދިޔަ ބޯޓުގެ ބައިތައް އޮޔާދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް އެމްއެންޑީއެފްއިން އެދެފިއެވެ.
ރޭގެ ވަގުރެއްގައި މ، ތުވަރުގެ ހުޅަނގުން ރޯވެ އަޑިއަށް ގޮސްފައި ވަނީ "އާގަލް" ނަމަކަށް ކިޔާ ބޯޓެކެވެ.
އެމްއެންޑީއެފްއިން ބުނީ، އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާ ދާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
"މިތަކެތޮ އޮޔާ ދަނީ މ. އަތޮޅު ކައިރިން އުތުރަށް. ވީމާ މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަން. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން" އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ ދޯނީގައި ތިބީ 15 ފަޅުވެރިން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެއީ 5 ދިވެހިންނާއި އިންޑިޔާ ފަސް މީހުން އަދި ލަންކާ ފަސް މީހުން ކަމަށެވެ.
އަލިފާން ރޯވުމާއެކު ދޯނީގައި ތިބި މީހުން ކަނޑަށް ފުންމާލި ކަމަށާއި މިހާރު ނުފެނި ވަނީ އެއް ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ގެއްލިގެން ހޯދަނީ އިންޑިޔާ ރައްޔިތެކެވެ.
"މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ 02:47 ގައި" އެމްއެންޑީއެފްއިން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެ، ލިބުނު ގެއްލުމުގެ ސަބަބުން، މިއަދު ހެނދުނު8:20 ހާއިރު އެ ބޯޓު އަޑިއަށް ގޮސްފައި ވާކަމަށެވެ.
ބޯޓުން ސަލާމަތް ކުރި14 މީހުން ވަނީ މ.މުލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ގެއްލިފައިވާ މީހާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ބަލަމުން ދާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ،