މަސްވެރިކަމާއި ގުޅޭ

Sea cucumber pic

ނެގުން މަނާކުރި ދެ ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓްކުރަން ޚާއްޞަ ހުއްދައެއް

ރާއްޖެއިން އެކްސްޕޯޓްކުރުން މާނާކުރި ދެ ބާވަތެއްގެ ހުއިފިލަނޑާގެ މިހާރު ނަގާފައި ހުރި ސްޓޮކް އެކްސްޕޯޓްކުރުމަށް ޙާއްސަ ސެޓްފިކެޓެއް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމަވައިފިއެވެ.

ރާއްޖޭގައި ހުއިފިލަނޑާ އާލާވާ މިންވަރަށްވުރެ، ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވެ އެތަކެތީގެ އާބާދީއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެފައިވާތީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ރާއްޖެއިން އެކްސްޕޯޓްކުރުން މަނާކޮށްފައިވަނީ "ހުދު ބަޓު" އަދި "ކަޅު ބަޓު"އެވެ. މިއީ އާންމުގޮތެއްގައި ރާއްޖެއިން އެކްސްޕޯޓްކުރާ ހުއިފިލނޑާގެ ދެ ބާވަތެކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގާފައިވާ މިދެބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓެއް" ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މި ހުއްދަ ބޭނުންވާ ފަރާތްތަކަށް ސްޓޮކްގައި ހުރި އަދަދާއި ބަރުދަން އެނގޭގޮތަށް، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ސްޓޮކް ރަޖިސްޓްރީ ކުރުމަށް އީމެއިލް މެދުވެރިކޮށް ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ރަޖިސްޓްރީކުރާ ސްޓޮކް އެކްސްޕޯޓު ކުރުމަށް ބޭނުންވާ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް"އަށް އެދި 31 ޑިސެމްބަރުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. ރަޖިސްޓްރީ ކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އެ ސްޓޮކް އެކްސްޕޯޓްކުރަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

"ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ހޯދުމަށް ރަޖިސްޓްރީކުރާ ހުއިފިލަނޑާގެ 2 ބާވަތުގެ ސްޓޮކް، ފިޝަރީޒް މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އިންސްޕެކްޓް ކުރެވޭނެ އިންތިޒާމް ރަޖިސްޓްރީކުރާ ފަރާތުން ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ބާވަތްތަކުގެ ހުއިފިލަނޑާގެ އާބާދީ ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކޮށް، ވަކި އުސޫލަކުން އެތަކެތީގެ ވިޔަފާރިކުރެވޭގޮތް ހަމަޖެއްސުމަށް އަންގާފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާއެއްކަމަށްވާ، ސައިޓީސް މުއާޙަދާގެ ދަށުންނެވެ. އަދި މި ދެބާވަތުގެ ހުއިފިލަނޑާއަށް ސައިޓީސް އެކްސްޕޯޓް ޕާމިޓު ދޫނުކުރުމަށް ވަނީ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރީޓީއާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ހެދި ރިޕޯރޓަކަށް ބިނާކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!