އެއް ދަތުރުން އެންމެ ގިނަ ކަންނެލި ބޭނި ދޯންޏަށް އެންސިސްގެ އިސްވެރިން ޒިޔާރަތް ކޮށްފިއެވެ.
އެންސިސްއިން ބުނީީ، މިހާތަނަށް އެންސިސް ފިޝަރީޒަށް، އެއްދަތުރަކުން އެންމެ ގިނައިން ބޮޑުކަންނެލި ކިރި ދޯނި ކަމަށްވާ ފ. ފީއަލި / ބަންދަރީ ދޯންޏަށްމަރުހަބާ ކިޔުމުގެ ގޮތުން، އެންސިސް ފިޝަރީޒްގެ އެންސިސް ފިޝަރީޒްގެ ޗެއާމަން މުހައްމަދު ވަސީމާއި އިސްވެރިން އެދޯންޏަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
އަދި އެ ޒިޔާރަތް ކުރުމުގެ ތެރެއިން އެންސިސްގެ ފަރާތުން ބަންދަރީ ދޯންޏަށް ވަނީ ހަދިޔާ ހަވާލު ކޮށްފައެވެ. އަދި އެންސިސްގެ އިސްވެރިން، ދޯނީގެ ފަޅުވެރިންނާއެކު ހިޔާލު ބަދަލު ކޮށްފައިވެއެވެ.

އެއްދަތުރުން އެންމެ ގިނައިން ކަންނެލި ބޭނުމުގެ ރިކޯޑް "ބަންދަރީ" ދޯނިން މުގުރާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދޯނިން ވަނީ އެ ދަތުރުގައި 14 ޓަނަށްވުރެ ގިނަ ކަންނެލި ބާނާފައެވެ. އެ ދަތުރުގައި އެދޯނިން ކަންނެލި ބޭނީ މަލިކާ ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އުތުރުންނެވެ.
އެއްދަތުރުން އެންސިސްއަށް އެންމެ ގިނަ ކަންނެލި ކިރުވައިގެން މީގެކުރިން އެ ރިކޯޑް އޮތީ ހއ. އިހަވަންދޫ މާހޯރަ-3 ދޯނީގައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ދޯނިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި އެންސިސްއަށް ކިިރުވާފައިވެއެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ.
ބޮޑުކަންނެލީގެ ރިކޯޑް ބަންދަރީ ދޯނިން މުގުރާލިއިރު ދޮށީގެ މަސްވެރިކަމުގެ ރިކޯޑް މިވަގުތު އޮތީ ގދ. މަޑަވެލީ ޓީއެސްލައިން ދޯނިގައެވެ.