viber_image_2023-03-04_16-29-17-501-q30mxvq4pi758u17vrbk7y39yqntjmi3lrg6blpyfc

ފުވައްމުލަކުގެ ބޭރުގައި ވަދު ކަނދުފަތި ގާއިމުކޮށްފި

ޏ.ފުއައްމުލަކު ބޭރުގައި ވަދު ކަނދުފަތި ގާއިމު ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ކަނދުފަތި ގާއިމު ކޮށްފައި ވަނީ ފުވައްމުލަކު ދެކުނުން 6 މޭލު ބޭރުގައި ކަމަށެވެ. މި ކަނދުފަތި ގާއިމު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާލާފައެވެ.

މުވައްމުލަކު ބޭރުގައި ކަނދުފަތި ގާއިމު ކޮށްފައި މިވަނީ ، ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންގއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ފަށާފައިވާ [ވަދު ކަނދުފަތި] ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ދަށުންނެވެ.

2021 ވަނަ އަހަރު އަޖުމަބެލުމުގެ ގޮތުން މިމަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ފަރުމާކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުގެ ނަތީޖާއަށް ބަލައި ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްގެން ރަސްމީކޮށް ފެށުނު މި ޕްރޮގްރާމުގައި ދެކުނުގެ 4 ސަރަޙައްދެއް ސަރވޭކޮށް އެސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިދަތުރުގައި ކަނދުފަތި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ގއ، ޏ އަދި ސ އަތޮޅުގައެވެ.

މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިއަހަރު ކުރުމަށް ހަމަޖެހިފައިވެއެވެ.

އަލަށް ޤާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުޞަތުތަކެއް ހުޅުވި މިމަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ޤަބޫލުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!