ރ. އިންނަމާދޫ މަސްވެރިއެއް170 ކިލޯގެ ހިބަރެއް ބާނައިފިއެވެ.
އެރަށު އިބްރާހިމް ނަޒީރު ވަދުއަޅަން އުޅުމުގެ ތެރޭގައި ބޭނިފައި ވަނީ މަސްހިބަރެކެވެ. އެކަމާ ގުޅިގެން އެރަށުން "މަސްވެރިން އޮންލައިން" އާ ވާހަކަ ދެއްކި މީހަކު ބުނީ، މި ހިބަރު ބޭނިފައި ވަނީ ރަށް ކައިރިއަށް ޑިންގީއަކާ މަހަށްގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.
ނަޒީރު މަހަށް ގޮސްފައި ވަނީ އެކަންޏެވެ. އަދި ހިބަރު ގަތުމާއެކު، ކައިރީގައި މަހަށް ނުކުމެ އުޅުނު އެހެން ޑިންގީއެއްގެ އެހީތެރިކަމަށް އެދުމުން، އެ ޑިންގީއިން ވަނީ ނަޒީރުއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
"މިރަށު އެގޮތަށް ދާ މަސްވެރިން ވަރަށް އެހީތެރިކަން ފޯރުކޮށްދޭނެ. އެކަހަލަ ބޮޑެތި އެއްޗެހި ގަނެގެން ގޮވާލީމަ ހަމަ އަންނާނެ" އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
މި މޫސުމުގައި އެހިސާބުން އެވަރުގެ ހިބަރު އާއްމުކޮށް ބޭނޭ ކަމަށް އެރަށު މަސްވެރިން ބުނެއެވެ. އެގޮތުން ވަރަށް ފަހުން300 ކިލޯގެ ހިބަރެއްވެސް އެ ސަރަހައްދުން ބާނާފައި ވާކަމަށް އެރަށު މަސްވެރިއަކު ބުންޏެވެ.
މިފަހަރު ބޭނި ހިބަރުވެސް އަދި ކުރިން ބޭނި ހިބަރުވެސް ބާނާފައި ވަނީ އެރަށު 'ލޮނުއަޅާ މީހެއް' ކަމަށް އެރަށު މީހުން މައުލޫމާތުދިނެވެ.
ނަޒީރަކީ އެރަށު ދޯނި ބަންނަ ހަރުގޭގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަހަށް ދަނީ ލިބޭ ހުސްވަގުތު ތަކުގައެވެ. އޭނާ ބޭނި ހިބަރު ވިއްކާލީ ކިލޯއެއް20 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން ހިބަރުގެ އަގު3400 ރުފިޔާއަށް އަރާނެއެވެ.