މަސްވެރިކަމާއި ގުޅޭ

WhatsApp Image 2023-03-15 at 16.52.49

މަސްކިރުމަށް މިފްކޯއިން ގަތް އެއް ބޯޓު އަންނަ މަހު ރާއްޖެ ގެންނަނީ

މަސްކިރުމަށް މިފްކޯއިން ގަތް "ޖަޒީރާ103" ބޯޓު އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައި ވާކަމަށެވެ. މިކަމާގުޅިގެން މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެކުންފުނިން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް މިފްކޯއިން ފާހަގަ ކުރިއެވެ.

"މިގޮތުން ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސްގަންނަ ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ" މިފްކޯއިން ބުންޏެވެ.

އެގޮތުން މިފްކޯގެ މަސްގަންނަ ފުލީޓަށް އިތުރުކުރުމަށް ޕްލޭންކުރެވިފައިވާ ހަތަރު ބޯޓު ގަތުމުގެ މުއާމަލާތް ނިންމުމަށްފަހު، ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އެ ބޯޓްގެ ތެރެއިން ޖަޒީރާ 103 ބޯޓު ގަތުމަށްފަހު މިހާރު ވަނީ ރާއްޖެ އައުމަށް ތައްޔާރުވެފައި ކަމަށް މިފްކޯއިން މައުލޫމާތު ދިނެވެ.

"ޖަޒީރާ103" ބޯޓް ކޮރެއާއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ބޯޓް ރާއްޖެ އާދެވޭނެ ކަމަށް ލަފާކުރެވެނީ މި ފެށޭ އޭޕްރީލް މަހުގެ 6 ނުވަތަ 7 ގައެވެ. ޖަޒީރާ 103 އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓް މިހާރުވަނީ ގަނެ ރަޖިސްޓްރީކޮށް ނިންމައި ތައިލޭޑް ގައި ޑޮކުކޮށް، އޮޕަރޭޝަން ފެށުމުގެ ކުރިން މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް މިފްކޯއިން މައުލޫމާތު ދިނެވެ.

މިބޯޓްތައް ނިމި ރާއްޖެގެނެވުމާއެކު ކޮންމެ ބޯޓަކަށް ދުވާލަކު 60 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެވެ.

މީގެކުރިން 2021 ވަނަ އަހަރުވެސް މިފްކޯއިން ވަނީ 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120 ޓަން ފްރީޒްކުރެވޭ ވެސެލްއަކާއި މަސް އެކްސްޕޯޓުކުރުމަށްޓަކައި 2،400 ޓަނުގެ ކެރިއަރ ވެސެލްއެއް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!