ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ މިޔަރެއް އިނގިރޭސިވިލާތުގެ ބީޗަކަށް ލައްގައިފިއެވެ. މިއީ މި ބާވަތުގެ މިޔަރެއް އިނގިރޭސިވިލާތުގެ ބީޗަކަށް ލެއްގި ފުރަތަމަ ފަހަރެވެ.
ބޮޑު މިނުގައި6 ފޫޓު ހުރި މި ބޮޑުމަސް އެންމެ ފުރަތަމަ ލެއްގި އިރު މަރެއް ނުވެއެވެ. އަދި އޭރު ބީޗުގައި އުޅުނު މީހެއްވަނީ އޭތި ސަލާމަތްކޮށްދީ މޫދަށް އަނބުރާ ދޫކޮށްލާފައެވެ.
އެހެންނަމަވެސް އޭތި އަލުން ވަނީ މަރުވެގެން އެ ބީޗަށް ލައްގާފައެވެ. މިއީ ސްމޯލްޓޫތު ސޭންޑު ޓައިގާ ޝާކެކެވެ. މިއީ ރެޑް ލިސްޓު އޮފް ތްރެޓަންޑު ސްޕީސީސްގެ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ބާވަތުގެ މިޔަރެކެވެ.
މި ބާވަތުގެ މިޔަރުތައް އާއްމުކޮށް އުޅެނީ ކަނޑުގެ ވަރަށް އަޑީގައެވެ. އަދި މިއީ އިންސާނުންނަށް ހަމަލާދޭ ކަހަލަ ބާވަތުގެ މިޔަރެއްވެސް ނޫނެވެ. މި ބާވަތުގެ މިޔަރު އިނގިރޭސިވިލާތުގެ ކަނޑުތަކުން ފެނިފައިވާކަމަށް މީގެކުރިން ރެކޯޑު ކުރެވިފައެއް ނުވެއެވެ.
މުޅި ދުނިޔޭގައިވެސް ހިމާޔަތްކޮށްފައިވާ މިޔަރުގެ ބާވަތެއްކަމުގައިވާ ސްމޯލްޓޫތު ސޭންޑު ޓައިގާ އާއްމުކޮށް12 ފޫޓަށް ދިގުވެއެވެ. އަދި ބަރުދަނުގައި289 ކިލޯހުރެއެވެ.
އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރގެ ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އުޅެނީ މި ބާވަތުގެ ފުރާ ފުރިހަމަވެފައިވާ250 އަށްވުރެ މަދު މިޔަރެވެ.
މަރުވެގެން ލެއްގި މިޔަރާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދުމަށް އޮޓޮޕްސީއެއް ހެދުމަށްވަނީ ނިންމާފައެވެ.