މިފްކޯގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެތެރެއިިން ރައްކާތެރިކަމާއި އެކު ވިސްލްބްލޯ ކުރެވޭނޭ ނިޒާމެއް ގާއިމްކޮށްފިއެވެ.
ވިސްލްބްލޯ ކުރާ ނިޒާމަކީ ކުންފުނީގެ މުދަލާއި، ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓާ ބޭނުންކުރުމުގައާއި ކުންފުނީގެ އޮޕަރޭޝަނުގައި ކުންފުންޏަށް ގެއްލުންވާނޭހެން އުސޫލުތަކާއި ހިލާފަށް އެތެރޭގައި ހިނގާ ކަންކަން ކުންފުނީގެ އިންޓާރނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އުފައްދާފައިވާ ހާއްސަ ނިޒާމެކެވެ.
ވިސްލްބްލޮވަރ ނިޒާމުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނާއި އާއްމުންނަށްވެސް މައްސަލަ ހުށަހެޅިދާނެ ކަމަށާއި، ވިސްލްބްލޯ ކުރާ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖެހިފައިކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މިގޮތުން މި ނިޒާމަކީ ކުންފުނީގެ މެނޭޖްމަންޓުގެ ބޭރުން، އިންޓަރނަލް އޮޑިޓް ޑިޕާޓުމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ރިޕޯޓުކުރެވޭ ގޮތަށް އެކުލަވާލެވިފައިވާ މިނިވަން ނިޒާމެކެވެ. އަދި އެކުލަވާލެވިފައިވާ މި ނިޒާމްގެ ދަށުން މައްސަލައެއް ރިޕޯޓުކުރާ ފަރާތުގެ ވަނަވަރު ނޭނގޭގޮތަށް ނުވަތަ 'އެނޮނިމަސް' ކޮށްވެސް ރިޕޯޓުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މައްސަލަތައް ވެބްސައިޓުގައިވާ ވިސްލްބްލޮވަރ ލިންކުން ހުށަހެޅޭނެއެވެ. އަދި ވިސްލްބްލޮވަރ ހޮޓްލައިން7212141 މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. މައްސަލަ ހުށަހަޅާއިރު ވީހާވެސް ތަފްސީލްކޮށް، ހެއްކާއެކު މައްސަލަ ހުށަހެޅުމަކީ އިންޓަރނަލް އޮޑިޓް ޑިޕާޓުމަންޓުގެ އެދުމެކެވެ. މިގޮތުން ހުށަހަޅާ ހުރިހާ މައްސަލައެއްވެސް ބަލާ، އެކަށީގެންވާ ފިޔަވަޅު އެޅޭނެ ކަމުގެ ޔަޤީންކަން މިފްކޯއިން ދެއެެވެ.