މަސްވެރިކަމާއި ގުޅޭ

ގަވާއިދު: ޑައިވިންގ ސާމާނު ސާވިސްކޮށް ބެލެހެއްޓުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 6 ވަނަ ބާބުގައި ބަޔާން ކުރަނީ ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުމުގެ ދާއިރާއަށެވެ.

އެގޮތުން މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނަނީ ޤައުމީ ގޮތުން ނުވަތަ ބައިނަލްއަޤުވާމީ ގޮތުން ޤަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުން، ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކެމެވެ.

މީގެ އިތުރުން މި ގަވާއިދުގެ 15 ވަނަ މާއްދާ ޚާއްސަ ވަނީ ފީނަން ބޭނުންކުރާ ސާމާނު ގެންގުޅޭ އޮޑީގެ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތަށެވެ. 15 ވަނަ މާއްދާގައި ބުނަނީ މަސްވެރިކަން ކުރުމަށް މިނިސްޓްރީއިން ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ފީނުމަށް ބޭނުންކުރާ އާލާތްތަކަކީ އެ ކަމަށް ރައްކައުތެރި އާލާތްކަން ކަށަވަރުކުރުމަށް ޓަކައި އެތަކެތި ގަވާއިދުން ސަރވިސްކޮށް ބަލަހައްޓަން ވާނެކަމަށެވެ.

މި މާއްދާތަކާއި ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވެއެވެ.

ވަކި ޖޫރިމަނާއެއް ކަނޑައެޅިފައި ނުވާ ގަވާއިދާ ޚިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް ބަޔާކުރާ ބައިގެ 2 ގައި ބުނަނީ މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ރައްކައުތެރި ނޫން އަދި ގަވާއިދުން ސާވިސްކޮށްފައި ނުވާ އާލަތަކަށް ވަނީ ނަމަ، ލައިސަންސް ލިބިފައިވާ އުޅަނދެއްނަމަ -/5000 ރުފިޔާ އަދި މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ -/100000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މި ޖޫރިމަނާތައް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައްކަމަށް ބުނެފައިވަނީ ފީނައިގެން ފަޅުވެރިއަކަށް ލިބޭ ގެއްލުން (މަރުވުން ނުވަތަ ދާއިމީ ހާނިއްކަ)، ކުރާ މަސްވެރިކަމުގެ ބާވަތް، އަދި ހަރަކާތް ހިންގާ އުޅަނދުގެ ބާވަތަށެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!