މަސްވެރިކަމާއި ގުޅޭ

އެންކެޔޮޅު: އެންދަމާއިރު އެންކެޔޮޅުގެ މަސްއޫލިއްޔަތު

އެންދަމާ ވަގުތަކީ އެންމެ މުހިންމު ވަގުތެވެ. އެންކެޔޮޅު އެންވަތަށް ފައިބަން ޖެހޭނެއެވެ.

އެއީ އެންމެ ކުރިއްސުރެ އަމަލުކުރަމުން އަންނަ ގޮތެވެ. އެހެންނަމަވެސް މިޒަމާނުގައި އެންވަތަށް ފައިބާކަށް ނުޖެހެއެވެ. ސަބަބަކީ އެންވަތަށް ފެން އެޅުމަށް މިޒަމާނުގައި ބޭނުންކުރަނީ ހައި ޕްރެޝަރު ޕަންޕު (ޕެޓްރޯލް / ޑީސަލް) ނުވަތަ މޯޓަރެވެ. އޭގެ ސަބަބުން އެންވަތަށް ބޭނުންވާ ވަރަށް ފެންލިބެއެވެ. އެންކެޔޮޅު ޖެހޭނީ އެންވަތުގެ އޯވަރފްލޯ (މަސްވެރިން ބޭނުންކުރާ ބަހުންނަމަ، އޯފްލޯ) ކެޕްތައް ނައްޓާލާށެވެ. އަދި ޕަންޕުތަކުން ނުވަތަ މޯޓަރުން ފެން ފޮނުވުމަށް ވޭލްތައް ޖެހޭނީ ހުޅުވާލާށެވެ. އެއިރުން އެންވަތަށް ފެންއެޅި، ފެން ބޭރުވެ ބޭރުވެ ހުންނާނެއެވެ.

ވަރަށް ގިނައިން އެންހިފޭ ދުވަހެއްގައި، އެންކެޔޮޅު އެންވަތަށް ފައިބާއޮވެ، އެންވަތަށް އެން އަޅަމުންދާ ވަގުތު އެންވަތުގެ ފެން ސާފުކުރުމަށް އޯވަރ ފްލޯގެ އިތުރުން، އެންވަތުން އިތުރު ކެޕް (ފެން އަރުވަން) ނައްޓާލަން ވާނެއެވެ. އާންމުކޮށް 2 ކެޕް ނައްޓާލުމަށްފަހު  އެއް ބަލުގައި ފައި އެޅުމަށްފަހު އަނެއް ބަލުގައި އަތް އަޅާނީއެވެ. މީގެ ބޭނުމަކީ އެން އެޅެމުންދާ ވަރަކަށް ހަޑިވާ ފެން ސާފުކުރުމަށް އެންވަތުގައި ހުންނަ އޯވަރ ފްލޯގެ އިތުރުން އަތާއި ފައި އަޅައިގެން ހުންނަ ބަލުންވެސް ފެން ބޭރުކުރުމެވެ.

ކެޕް ނައްޓާފައި ހުންނަ ބަލުގައި އަތް ނުވަތަ ފައި އެޅުމުން ތާޒާ އެން ބޭރެއް ނުވާނެއެވެ. މިއީ އާންމު އުސޫލުން އެންކެޔޮޅުން ކުރަންޖެހޭނެ ކަންކަމެވެ. އެންކެޔޮޅު އަމަލީގޮތުން މަސައްކަތުގައި އުޅެ، އެންވަތަށް ފެން ލިބޭތޯ ޗެކްކޮށް، ހަޑިފެން ސާފުކުރުމަށް އިސްކަންދޭނެއެވެ. އުނގުރިތައް ނައްޓާލުމުން ހަޑި ފެންބޭރުވެ އެންވަތުގެ ފެން ސާފުވާނެއެވެ. އެއީ އުނގުރިތައް ނައްޓާލުމުން އެންވަތުގެ ހަތަރުކަނުން ހަޑި ފެންބޭރުވެގެން ދާނެއެވެ. މިފެނަކީ ތޯ (އެމުގެ ހުޅުނބުތަކާއި ނަޖިސް) އެކުލެވޭ ފެނެވެ.

"ތޯ"އަކީ ވަތަށް އެން އަޅާ ވަގުތު ވަތުތެރޭގައި ދައުރުވާ ހުޅުނބާއި އެމުގެ ނަޖިހެވެ. އާންމުކޮށް އެންވަތުގައި ހުންނަ 4 އޯވަރ ފްލޯގެ އިތުރުން، އިތުރު އުނގުރިތައް/ކެޕްތައް ނައްޓާ، އެންވަތުގެ ހަޑިފެން ސާފުކުރުމަށް މަސައްކަތްކުރުމުން، ވަރަށް އަވަހަށް އެންވަތް ސާފުވެ، އެން ދިރޭ މިންވަރު އިތުރުވާނެއެވެ. މިޒަމާނުގެ ދޯނިތައް ބޮޑުވެ އަދި އެންވަތް ފުންވުމުގެ ސަބަބުން އެންވަތް ސާފުކުރުމަށް ޑައިވިން ފުޅި އަޅައިގެން އެންވަތަށް ފައިބައެވެ. އެހެންނަމަވެސް، ކުރީ ޒަމާނުގައި، ކުދި ދޯނި ފަހަރުގައި އެންވަތް ވަރަށް ތިލަވާނެއެވެ. އެހެންކަމުން ކުރީޒަމާނުގައި އެންވަތް ރަނގަޅަށް ސާފުކުރުމަށް ދަތިވެއެވެ.

ނޯޓް: މިއީ ގއ. ގެމަނަފުށީ، އިހުސާސް، އަޙްމަދު ޒާހިރު މަސްވެރިކަމުގައި ހޭދަކުރި 24 އަހަރުގެ ތެރޭގައި އެންކެޔޮޅަކަށް މަސައްކަތްކޮށް ލިބުނު ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ދީފައިވާ މައުލޫމާތެވެ.
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!