މިފްކޯގެ މަސް ކިރުވުމުގެ މަސައްކަތަށް، އައު ބޯޓެއް ގެނެސްފިއެވެ.
ޖަޒީރާ 103ނަން ދީފައިވާ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ.
މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް 4 ބޯޓު ގެނައުމަށް ވަނީ ނިންމާފައެވެ. ޖަޒީރާ 103 އަކީ މީގެތެރެއިން ފުރަތަމަ ބޯޓެވެ.
މި ބޯޓު ރާއްޖެ އައިސްފައިވަނީ ކޮރެއާއިން ފުރައިގެން 16 ދުވަހުންނެވެ. މިއީ ޖަޕާނުގެ ޕޯލް އެންޑް ލައިން ވެސަލްއެކެވެ. މީގެކުރިންވެސް މިފްކޯއިން ވަނީ މަސްކިރުމަށް މީގެ ބޯޓެއް ގެންގުޅެފައެވެ.
މިފްކޯގެ އާ ބޯޓު ޖަޒީރާ 103 މިއަދު ރާއްޖެ އައިސްފި.
މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް. pic.twitter.com/Lt98ArDjx2— MIFCO (@mifcomv) April 6, 2023
މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯއިން ގެންނަ އަނެއް 3 ބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައެވެ. މި ބޯޓުތައްވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުނީގެ ކާރުޙާނާތައް އަޕްގްރޭޑުކުރުމުގެ ބިޔަ މަޝްރޫޢެއްވެސް މިހާރުދަނީ ކުރިއަށެވެ. އެގޮތުން ފެލިވަރާއި، ކޫއްޑޫ އަދި އައްޑޫ މަސް ކާރުޙާނާ އަޕްގްރޭޑުކޮށް ނިމުމުން އެކުންފުންޏަށް ދިމާވެފައިވާ މަސް ކިރުވުމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.