މަސްވެރިކަމާއި ގުޅޭ

ގަވާއިދު: ދިގުމިނުގައި 18 މީޓަރު ހުންނަ ކޮންމެ މަސްދޯންޏެއްގައި ވެސަލް ލޮކޭޓިން ޑިވައިސް ހަރުނުކުރުމަކީ ކުށެއް

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާއި ގުޅޭ ގަވާއިދުގެ 20 ވަނަ މާއްދާގައި ބުނަނީ މަސްވެރިކަން ކުރާ އަންނަނިވި އުޅަނދުތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ޕްރޮގްރާމްގެ ދަށުން މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށް، އެ ޑިވައިސް ބަލަހައްޓަންވާނެއެވެ.

  1. ދިގުމިނުގައި 24 (ސައުވީސް) މީޓަރު ހުންނަ ނުވަތަ އެއަށްވުރެ ދިގު އުޅަނދު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި؛
  2. 20 (ވިހި) މީޓަރުން ފެށިގެން 24 (ސައުވީސް) މީޓަރާއި ދެމެދުގެ ދިގުމިނުގެ އުޅަނދު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛
  3. 18 (އަށާރަ) މީޓަރުން ފެށިގެން 20 (ވިހި) މީޓަރާއި ދެމެދުގެ ދިގުމިނުގެ އުޅަނދު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

20 ވަނަ މާއްދާގައި ބުނާ ވެސަލް ލޮކޭޓިން ޑިވައިސް ހުންނަންވާނީ އަބަދުވެސް ހުޅުވާފައި ނުވަތަ ސްވިޗް އޮންކޮށްފައެވެ. އެހެންނަމަވެސް އުޅަނދު މަރާމާތުކުރުމަށް ނުވަތަ މަސްވެރިކަމަށް ނުނިކުންނަ ދުވަސްތަކުގައި މިނިސްޓްރީއަށް ލިޔުމުން އަންގައި، އެކަމަށް ހުއްދަ ލިބިގެން ވީއެލްޑީ ނިއްވާލެވިދާނެއެވެ.

ކޮންމެ މަސްދަތުރަކަށް ފެށުމުގެ ކުރިން އުޅަނދުގައި ވީއެލްޑީ ފުރިހަމައަށް މަސައްކަތް ކުރޭތޯ އުޅަނދުގެ މާސްޓަރ ޔަގީން ކުރަންޖެހެއެވެ. އަދި ވީއެލްޑީ މަސައްކަތް ނުކުރާނަމަ، މިނިސްޓްރީއަށް އެކަން އަންގާ ވީ އެންމެ އަވަހަކަށް އެ މައްސަލައެއް ހައްލުކުރަން ޖެހޭނެއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާއި ގުޅޭ ގަވާއިދު ގެޒެޓް ކުރެވުނީ 29 އޮގަސްޓް 2022 ގައެވެ. އެހެންކަމުން 28 މެއި 2023 ގެ ފަހުން ދިވެހިރާއްޖޭގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ ހުރިހާ އުޅަނދެއް މަހަށް ފުރަންވާނީ ވެސަލް ލޮކޭޓިން ޑިވައިސް ހަރުކޮށްގެންނެވެ. މި ގަވާއިދަށް އަމަލު ނުކުރުމަކީ ކުށެކެވެ.

މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބުނަނީ މި ގަވާއިދުގައި މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން ނުވަތަ ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި، މި ގަވާއިދުގައިވާ ލައިސަންސުގެ ޝަރުތަކާ ނުވަތަ ޝަރުތުތަކާ ޚިލާފުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ. އަދި ކުށެއް ކޮށްފިނަމަ، މަސްވެރިކަމުގެ ޤާނޫނާއި ގަވާއިދާ ޚިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު ގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

މި ގަވާއިދުގެ ދަށުން މަސްވެރިކަން ކުރުމަށް ލައިސަންސް ނަގާފައިވާ އުޅަނދަކުން، 23 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ކުށެއް ތިން ވަނަ ފަހަރަށް ކޮށްފިނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރެވެއެވެ. އަދި އެފަރާތަކަށް ލައިސަން އަލުން ދޫކުރެވޭނީ ލައިސަންސް ބާތިލް ކުރި ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ފަހުންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކުށެއް ކަމަށް ކަނޑައަޅާނކ ފުރަތަމަ މިނިސްޓިރީން ކުރަންޖެހޭކަންތަށް ފުރިހަމަކޮށްފަ.ދޯނީގެ ޑިވައިސް މައްސަލައެއް ދިމާވެގެން 1އަހަރުވީރުވެސް އުރީދޫއަށް އަޅާނުލި .

Comments are closed.