އިންޑޮނޭޝިއާގެ ބާލީގެ ބީޗަކަށް 59 ފޫޓުގެ ބޮޑު މަހެއް ލައްގައިފިއެވެ.
ބޮޑު މަސް ލެއްގި އިރު މަރެއް ނުވެއެވެ. ގިނަ ބައެއްގެ މަސައްކަތުން އޭތި އަނބުރާ ކަނޑަށް ދޫކޮށްލި ނަމަވެސް ފަހުން އަލުން ވަނީ ބީޗަށް ލައްގާފައެވެ. އަދި އެ ބޮޑުމަސް ވަނީ މަރުވެފައެވެ.
މި މަސް މަރުވާން ދިމާވި ސަބަބެއް ދެނެގަތުމަށް އޮޓޮޕްސީއެއް ހެދުމަށް ވަނީ ނިންމާފައެވެ. ބޮޑުމަހުގެ ގައިގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. އެހެންނަމަވެސް އޭތި މަރުވީ ޕްލާސްޓިކްގެ ސަބަބުންތޯ ނުވަތަ ކަނޑުތައް ތަޤައްޔަރުވެފައިވުމުންތޯ ބެލުމަށް ބޭނުންވާ ކަމަށް ބާލީގެ މެރިން އަދި ފިޝަރީސް އޮފިޝަލުން ހާމަކުރެއެވެ.
ބޮޑުމަސް ބީޗަށް ލެއްގުމާއި އެކު ޕޮލިހުންވަނީ އެހިސާބު ގާޑު ކޮށްފައެވެ. ސަބަބަކީ އޭގެ މަސްތައް ވަގަށް ނަގާފާނެތީއެވެ.
މި މަހުގެ އޮޓޮޕްސީ ހެދުމަށްފަހު އެކްސެވޭޓަރެއްގެ އެހީގައި އެހިސާބުގައި އޭތި ވަޅުލުމަށްވަނީ ނިންމާފައެވެ.
ބާލީގެ ބީޗަކަށް ލައްގާފައިވަނީ ސްޕާމް ވޭލްއެކެވެ. މިއީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަވޭޝަން އޮފް ނޭޗަރ އިން ނެތި ހިނގައިދޭނެ ކަމަށް ބެލެވޭ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ ބާވަތުގެ ބޮޑުމަހެކެވެ.