ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީއެއް ހަދަން ހަނދު އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.
އެކުންފުންނާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަކީ 4.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިއީ ކެނދިކުޅުދޫ ކައުންސިލުން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ފެބްރުއަރީ 2021 ގައެވެ.

މި މަސް ޕްލާންޓާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރ ޑރ.އެސް ޖައިޝަންކަރް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަސް ޕްލާންޓުން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، ވެލިއު-އެޑަޑް ޕްރޮޑަކްޓުތަކެއް އުފެއްދުން ކަމަށްވާއިރު މި މަސް ޕްލާންޓުން 20 ޓަނުގެ އައިސް އުފައްދާ 10 ޓަނުގެ މަސް ފިނިކުރުމުގެ ކެޕޭސިޓީ ހުންނާނެއެވެ. މި މަސްޕްލާންޓުން މަސް ކިރުމާއި، ސާފުކުރުމާއި، ފިނިކުރުމާއި، ގަނޑުކުރުމާއި، ވެކިއުމްޕެކް ކުރުމާއި، ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ފޮރިން މިނިސްޓްރީއިން އޭރު މައުލޫމާތު ދީފައިވެއެވެ.