ހއ. އަތޮޅުގައި މަސްވެރިކަން ނެތިގެންދަނީ ދަށަށްކަމަށް ޒުވާން މަސްވެރިޔާ ހާމަކޮށްފިއެވެ.
ރާއްޖޭގެ އުތުރުން ދެކުނަށް ކުރަމުންދާ ދަތުރުގައި ޒުވާން މަސްވެރިޔާ، މިހާރުވަނީ ހއ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ. މަސްވެރިކަމުގެ ހާލަތު ބަލާފައެވެ. މީގެ އަހަރުތަކެއް ކުރިއާ އަޅާ ކިޔާލާއިރު މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮޑިދޯނި ފަހަރުގެ އަދަދު މިވަނީ 90 އިންސައްތަ މަދުވެފައިކަމަށާއި، ހއ އަތޮޅުން މަސްވެރިކަމުގެ ދާއިރާއިން ލިބުނު މައުލޫމާތުގެ ޚުލާސާއެއް ޒުވާން މަސްވެރިޔާ، ހަސަން ސާޖިންވަނީ ހިއްސާކޮށްފައެވެ.
ހއ. ތުރާކުރުން މި ދަތުރު ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. އޭނާވަނީ 80 ދުވަސްތެރޭ ހއ. އަތޮޅުގެ 14 ރަށަކަށް ޒިޔާރަތްކޮށްފައެވެ. ސާޖިން ބުނީ މުޅި ހއ. އަތޮޅުގައި މިހާރުއޮތީ 23 އޮޑިކަމަށެވެ. އެހެންނަމަވެސް ކުރިން އެ އަތޮޅުގައި މަސްވެރިކަމަށް 232 އޮޑި އޮތްކަމަށް އޭނާއަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭކަމަށެވެ.
ސާޖިން ވަނީ ހއ. އަތޮޅުގައި މިހާރު މަހަށްދާ އޮޑިތަކާއި ގުޅޭ ތަފްސީލްތައްވެސް ހިއްސާކޮށްފައެވެ.
"ތުރާކުނުގައި މަހަށްދާ އޮތީ 2 އޮޑި، އެއް އޮޑި މަހަށް ފުރޭނެ ގޮތެއް ނެތިފައި، މަހަށްދާނެ މީހުން ނެތުމުން، އުލިގަމުގައި މަސްވެރިކަން ނެތިގޮއްސި، މޮޅަދޫގައިވެސް މަސްވެރިކަމެއް ނެތް، ހޯރަފުއްޓަކީ ހއ. އަތޮޅުގައި އެންމެ ގިނަ އަދަދަކަށް މަސް ދޯނި ފަހަރު ދުއްވި ރަށް، ކުރިންް އެ ރަށުގައި 65 ދޯނި އޮތް، މިހާރު އޮތީ 2 އޮޑި" ސާޖިން ބުންޏެވެ.
ހއ. އަތޮޅުގައި އެންމެ ފުޅާކޮށް މަސްވެރިކަން ކުރާ ރަށަކީ މިހާރު އިހަވަންދޫއެވެ. އެރަށުގައިވެސް މިހާރު އޮތީ މަހަށްދާ 14 ދޯންޏެވެ. ހއ އަތޮޅުގެ ދިއްދޫއަކީ ކުރިން މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެހެން ނަމަވެސް މިހާރު އެރަށުގައިވެސް އޮތީ މަހަށްދާ 2 ދޯންޏެވެ.
ވަށަފަރުގައި، ކެލާގައި މަސްވެރިކަން ވަނީ ނެތިގޮސްފައިކަމަށް ސާޖިން ބުނެއެވެ. ފިއްލަދޫގައި މަހަށްދާ 2 ދޯނިއޮވެއެވެ. މުރައިދޫގައިވެސް މަސްވެރިކަން އޮޔާގޮސްފައިވާއިރު، ބާރަށުގައިވެސް މަސްވެރިކަން އޮތީ ހުއްޓިފައެވެ.
ސާޖިން ފާހަގަކުރިގޮތުގައި މަސްދޯނި ފަހަރުތައް މަދުވަމުންދަނީ މިދާއިރާއިން މަސްވެރިންނަށް ކުރިމަގެއް ނުފެންނާތީއެވެ. މަސް ބޭނިޔަސް މަސް ކިރޭނެ ގޮތެއް ނެތީމައިކަމަށް ސާޖިން ބުނެއެވެ.
ސާޖިން ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ޒިޔާރަތްކޮށްފައިވާއިރު، ދެން އޭނާ ދަތުރުތައް ކުރާނީ ހދ. އަތޮޅުގެ ރަށްތަކަށެވެ.
ޒުވާން މަސްވެރިޔާ ޕޭޖުން، ދަތުރުގެ ހުރިހާ އަދާހަމައެއް ގެނެސްދޭއިރު، ބައެއް ރަށްރަށުގެ ސްކޫލު ކުދިންނާ ބައްދަލުކޮށް މަސްވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަން ހިންގާފައި ވާއިރު، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކު މަހަށް ވެސް ގޮސްފައިވެއެވެ. އޭގެ އިތުރުން މަސް ކެއްކުމުގެ މަސައްކަތް ކުރާ މީހުންނާއި ދަނޑުވެރިން އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހުންގެ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޕޭޖުން ވަނީ ގެނެސްދީފައެވެ.
One Response
Ehves sarukaarakun ha. ge masverikamakah ehbaarulumeh nudhey. Loabo fihssaigen thelah bodu haradheh kohgen baanaa mas kolhu kireynegotheh noave. Maskolhu jehenee nuaguga konmes meehakah 5, 6,rf ah kg eh vihkan. Sarukaaruge lolah fennanee dhekunu.uthuruge masverin mee ulhey baehkamehves neygey.