އެމެރިކާގެ އަލަބާމާގެ ބީޗްއަކަށް 14 ފޫޓުގެ މާބަނޑު ކާލިގަނޑު މިޔަރެއް ލައްގައިފިއެވެ.
ކާލިގަނޑު މިޔަރު (ހެމާހެޑް ޝާކް) ބީޗަށް ލެއްގި އިރުވެސް އޮތީ މަރުވެފައެވެ. އާއްމުންނަށް މި މިޔަރު ފެނުމާއި އެކު ވަނީ އޮރެންޖް ބީޗް ކޯސްޓަލް ރިސޯސަސްއަށް ރިޕޯޓުކޮށްފައެވެ.
އަދި އެތަނުގެ ފަރާތުންވަނީ އައިސް މިޔަރު އެތަނުން ނަގާފައެވެ. މިޔަރު ލެއްގި އިރުވެސް ކުނިވާން ފަށާފައިނުވާތީ މިޔަރާއި ގުޅޭ މުޙިއްމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް ބެލެވުނެވެ. އެގޮތުން އޭގެ އޮޓޮޕްސީއެއް ހެދުމަށް ނިންމިއެވެ.
މިސިސިޕީ ސްޓޭޓް ޔުނިވަރސިޓީގެ މެރިން ފިޝަރީޒްގެ ޓީމުން ކުރިއަށްގެންދިޔަ އޮޓޮޕްސީގައި ވަނީ މިޔަރުގެ ބަނޑުން ކުދި 40 މިޔަރު ނަގާފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މާބަނޑު މިޔަރެއް ލެއްގުމަކީ އާއްމުކަމެއް ނޫންނެވެ. އެހެންކަމުން ކާލިގަނޑު މިޔަރާއި ގުޅޭ ކުރިން ނޭގޭ މައުލޫމާތުތަކެއް އޮޓޮޕްސީއިން އެނގިގެންދާނެއެވެ.
އޮޓޮޕްސީ ނިމިފައިވާއިރު، މިޔަރު މަރުވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.