އިންޑިއާގެ ބީޗަކަށް ވެލާތައް އަޅާފައިވާ ބިސްތައް ފީވެ މިލިއަނެއްހާ ކުދި ވެލާތައް ނިކުމެފައިވާކަމަށް އެ ސަރަހައްދު ބަލަހައްޓާ ފަރާތްތަކުން ހާމަކޮށްފިއެވެ.
އިންޑިއާގެ ގަހިރުމަތާ މެރިން ސެންޗުއަރީއަށް މިދިޔަ މަހުގެ 9 އަކާއި 13 އާއި ދެމެދުގެ ދުވަސްތަކުގައިވަނީ 512175 ވާވޮށި ވެލާ އަރާ ބިސް އަޅާފައެވެ. އާއްމުގޮތެއްގައި ކޮންމެ ވެލައެއްވެސް 80 އާއި 100 އާއި ދެމެދުގެ އަދަދަކަށް ބިސްއަޅައެވެ. ބިސްވަޅުތަކުން ބިސްތައް ފީވެގެން ނިކުންނަން ފަށާފައި މިވަނީ ބިސް އެޅިތާ ގާތްގަނޑަކަށް 45 އާއި 50 އާއި ދެމެދުގެ މުއްދަތަކަށް ފަހުއެވެ.
ބިސްވަޅުތަކުން ބިސްތައް ނިކުންނަން ފެށުމާއި އެކު އެސަރަހައްދުގެ ސެކިއުރިޓީވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ކުއްތާއާއި އެހެންވެސް ދޫނިފަދަ ތަކެތިން ކުދި ވެލާތައް ސަލާމަތްކުރުމަށް ފޮރެސްޓު ގާޑުންދަނީ ހަރަކާތްތެރިވަމުންނެވެ.
މެރިން ސެންކްޗުއަރީގެ ރޭންޖް އޮފިސަރެއްކަމުގައިވާ ބެހެރާ ބުނީ އެހާސް ކުދި ވެލާތަކުގެތެރެއިން ބޮޑުވެ ފުރާފުރިހަމަވަނީ އެއްމެ ވެލައެއް ކަމަށެވެ. އަދި އޭގެ އުމުރުން 20 އަހަރު ފުރުމުން ބިސް އަޅަން ހަމަ އެ ބީޗަށް އަންނާނެ ކަމަށެވެ.
ގަހިރުމަތާ އަކީ މެރިން ސެންކްޗުއަރީއެއް ކަމަށް ކަނޑައަޅާފައިވަނީ 1997ވަނަ އަހަރުއެވެ. އެތަން ހިމާޔަތްކުރުމުގެ މައިގަނޑު ބޭނުމަކީވެސް އެ ސަރަހައްދައް ގިނަ އަދަދެއްގެ ވެލާ ބިސް އަޅަން އަރާތީއެވެ.