މަސްވެރިކަމާއި ގުޅޭ

118987851_324284988839105_3912628036026458584_n

ސައުދު: މަސްވެރިކަމުގައި ކުޅަދާނަ ހުނަރުވެރި ޒުވާނެއް

ތ. ވަންދޫ ނޫމަރާގޭ ސައުދުﷲ ޖައުފަރަކީ ކުޅަދާނަ މަސްވެރިއެކެވެ. ރަށުން ބޭރުން ކިޔަވައިގެން އައިސް ފުރަތަމަވެސް ކުރަން ފެށި މަސައްކަތަކީ މަސްވެރިކަމެވެ. ފުރަތަމަ ދެ އަހަރެއްހާ ދުވަސް ހޭދަކުރީ ފަރުމަސް ބޭނުމުގައެވެ. އޭގެ ފަހުން މަސްދޯންޏަކުން މަހަށްދާން ފެށިއެވެ.

ރަށުން މީހަކު ފަރުމަހަށްދާނަމަ ސައުދު ކޮންމެހެންވެސް ހުންނަންޖެހެއެވެ. ސައުދު ނެތި މަސް ދަތުރު ފުރިހަމަ އެއް ނުވެއެވެ.

ސައުދު އެންމެ ކުޅަދާނައީ މިހާރު މިކިޔާ ސްޕޯޓްސް ފިޝިންގ އަށެވެ. މަސްބުރި ވަދު އުކުމާއި، ޖިގިން އަށެވެ. މިކަމަށް މުޅި ރަށުގައި ހުރި އެންމެ ކުޅަދާނަ މީހަކީ ސައުދުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ސައުދު ކިނބޫ މަހެއް ބާނަނީ. މި މަހަކީ ވަރަށް ފުނުގައި އުޅޭ މަހެއް

ދާދިފަހުން އޭނާ ވަނީ ޖިގިން ވަދު ބޭނުންކޮށްގެން ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތްތަކެއްގެ މަސް ބާނާފައެވެ. މީގެތެރޭގައި ސީރޮބިންގ، އޮއިލްފިޝް، ހިމެރާ ފަދަ ބާވަތްތައް ހިމެނެއެވެ. މި މަސްތައް އޭނާ ބާނާފައިވަނީ ގާތްގަނޑަކަށް 400 މީޓަރ އަޑިންނެވެ.

"560 ގްރާމްގެ ވަދު މި ބޭނުންކުރަނީ. އަސްލު ޖިގިން މި ޖަހަނީ ރޫބީއާއި އެއިޓްބާ ފާނަ ބާނަން. އެކަމަކު ވަރަށް ތަފާތު ބާވަތްތަކުގެ މަސް ގަނޭ. ދުވަހު ނުފެންނަ ވައްތަރުގެ މަސްވެސް ބޭނޭ. އަދި ވަރަށް ގިނަފަހަރަށް އެއްފަހަރާ ދެ މަސް ބޭނޭފަހަރު އާދޭ. ރަތްމަހަކާ ފާނައެއް، ހަންޖަހާ ފިލޮޅެއް. މިގޮތަށް ވަރަށް ގިނަފަހަރު ހުންނާނެ އެއްފަހަރާ ދެމަސް ބޭނިފަ. ވަރަށް މަޖާ ކަމެއް މީ". ސައުދު ބުންޏެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ގިނަ ދިރާސާތަކެއްކުރައްވާފައިވާ އަދި މިދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އަޙުމަދު ހާފިޒް ވިދާޅުވީ، ސައުދުﷲ ބާނާފައިވާ ބައެއް މަސްތަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތްތަކެއްގެ މަސްކަމަށެވެ. މީގެތެރެއިން ބައެއް މަސްމަހަށް ދިވެހިން ކިޔާ ވަކި ޚާއްސަ ނަމެއް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ފުނުން ސައުދު ބޭނި މަހެއް

"ތިމަސްތަކަކީ ވަރަށް ފުނުގައި އުޅޭ މަސްތަކެއް. 200 މީޓަރަށްވުރެ ފުނުގައި އުޅޭނީ. 1983 ވަނަ އަހަރު ކަނޑު އަޑީ ދަމާދާ ބޭނުންކޮށްގެން މިނިސްޓްރީން ކުރި ސާވޭއެއްގައި މި ބާވަތުގެ މަސްތަކެއް ހިފުނު. އަޅުގަނޑުވެސް ހުރެގެން ކުރި ދިރާސާއެއް އެއީ. ދަމާދާ ބޭނުންކުރީ ގާތްގަނޑަކަށް 200މީޓަރ އަޑީގައި." ހާފިޒް ވިދާޅުވިއެވެ.

ސައުދު ބުނީ ފަރުމަސް ބޭނުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިޔަރުގެ އުނދަގޫ ބޮޑުވުމެވެ.

ދޮށީގައި ގަތް މިރަޔެއް. ބުޅި ނައްޓާލުމަށްފަހު ދޫކޮށްލަނީ. މި މިޔަރަކީ ބޭރު ކަނޑުތަކުގައި އުޅޭ މިޔަރެއް

"މިޔަރުގެ އުނދަގޫ ވަރަށް ބޮޑު. ދޮށީގައި މަހެއް ގަނެފިއްޔާ އެމަސް ދެބުރިކޮށްލާނެ. ބައެއްފަހަރު މަހުގެ ބޯ އެކަނިވެސް އެބަ ލިބޭ. އަނެއްކާ ވަދުގަވެސް މިޔަރު އެބަގަނޭ. އެ ވަދުގެ ބޭނުމުގަ މިޔަރު ނަގަން އެބަޖެހޭ. ހިމާޔަތްކޮށްފައިވާ އެއްޗެއްވީމަ މަރާ ނުލާ ދޫކޮށްލަނީ. ކޮންމެގޮތެއް ވިޔަސް މިޔަރުގެ އުނދަގޫ ވަރަށް ބޮޑު". ސައުދު ބުންޏެވެ.

ވަދުގައި ގަތް ވޮށިމަހެއް މިޔަރު ބުރިކޮށްލާފަ

ކޮންމެ މީހަކަށްވެސް މަހެއް ބޭނިދާނެއެވެ. ކޮންމެ މީހެއްގާތު މަހެއް ވެސް ގަނެދާނެއެވެ. ނަމަވެސް މަސް ގަންނުވަން ނުވަތަ ބުޅީގައި މަސް ވިއްދާލަން ކޮންމެ ކޮންމެ މީހަކަށް ނޭންގޭނެއެވެ. މަސްބޭނުމަކީ ވެސް ހުނަރެކެވެ. ސައުދަކީ މަސްވެރިކަމުގެ އެތަށް ހުނަރެއް ލިބިފައިވާ ޒުވާނެކެވެ. ސްޕޯޓްސް ފިޝިންއާއި ދޮށީގެ މަސްވެރިކަމުގެ އިތުރުން "ލާންދާ" އެއްލުމަކީވެސް އޭނާ ވަރަށް ކުޅަދާނަ ކަމެކެވެ.

ލާންދާ ބޭނުންކޮށްގެން ހިފާފައިވާ މެކުނު ތަކެއް

ސައުދު ބުނީ އެންމެ އިސްކަމެއް ދެނީ ދޮށީގެ މަސްވެރިކަން ކުރުމަށްކަމަށެވެ. ސަބަބަކީ ފަރުމަހަށް އެ ސަރަހައްދުގައި އެއްވެސް ޑިމާންޑެއް ނޯންނާތީއެވެ. މަސް ވިއްކާނެ ތަނެއްވެސް ނޯންނަކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ސައުދު ފަރުމަހުގެ މަސްވެރިކަން ކުރަނީ ހޮބީއެއްގެ ގޮތުންނެވެ.

މިހާރު ސައުދަކީ ވަންދޫގައި ދުއްވާ އެންމެ ބޮޑު މަސްދޯނި ކަމަށްވާ "އޮއިކުރި" ދޯނީގެ މުހިންމު ފަޅުވެރިއެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.