Koodoo

މިދިޔަ އަހަރު މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިދިޔަ އަހަރު މިފްކޯއަށް ލިބުނު އާމްދަނީ %28 އިތުރު ވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން ނެރެފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާގޮތުން، އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ، މިފްކޯއަށް މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ މަސް ގަނެފައިވާ މިންވަރު އިތުރުވުމުންނެވެ.

އެގޮތުން މިދިޔަ އަހަރު އެކުންފުންޏަށްވަނީ 63،579 ޓަނުުގެ މަސް ގަނެފައެވެ. މިއީ ރެކޯޑު އަދަދެކެވެ.

މިދިޔަ އަހަރުތެރޭ މިފްކޯއިންވަނީ ހޯސާގެ ނަމުގައި މަސްވެރިންނަށް ހާއްސަ އެޕްލިކޭޝަނެއް ލޯންޗުކޮށްފައެވެ. އަދި މިދިޔަ އަހަރުތެރޭ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް އެކްސްޕޯޓުކުރި ކުންފުނީގެ އެވޯޑުވަނީ މިފްކޯއަށް ލިބިފައެވެ.

މިފްކޯއިންވަނީ މިދިޔަ އަހަރުތެރޭ 2480 މެޓްރިކްޓަނުގެ މަސް ރައްކާކުރުމުގެ ގާބިލްކަން ހުރި ބޯޓެއް ގަނެފައެވެ. 'ޖަޒީރާ ރީފާ' ގެ ނަންދީފައިވާ މި ބޯޓުގައި ރާއްޖެއިން ބޭރަށް މަސްވެސްދަނީ ބޭރުކުރަމުންނެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނީގެ ސެންޓަރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ބިޔަ މަޝްރޫޢެއްވަނީ ފަށާފައެވެ. މިފްކޯއިން ހާމަކުރާގޮތުގައި މި މަޝްރޫޢު ނިމިގެންދާނެ މަސް ކިރުވުމަށް ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!