މޮރިޝަސްއިން ޗާގޯސް ސަރަހައްދު ހިމާޔަތް ކުރާނަމޭ ބުނުމަކީ ޑުރެކިއުލާ ބުލަޑް ބޭންކް ހިމާޔަތް ކުރާނަމޭ ބުނުން ފަދަ ކަމެއް ކަމަށާއި، ދިވެހި މަސްވެރިންނަށް މިކަމުގެ ގެއްލުން ބޮޑު ކަމަށް މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ބޮންޑާ ވިދާޅުވެއްޖެއެވެ. ބޮންޑާވަނީ އެކަން ތަފްސީކޮށް ކިޔާދެއްވާފައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ރާއްޖެ-މޮރިޝަސްއާ ފުށުއަރާ ސަރަހައްދު ދެގައުމަށް ހަމަހަމައަށް ބަހަން ނިންމުމާއެކު، ރާއްޖޭގެ މަސްވެރިންނަށް ދެކުނުގައި ކުރިން މަސްވެރިކަން ކުރެވޭ 45،000 އަކަކިލޯމީޓަރެއް ވުރެ ބޮޑު ސަރަހައްދެއް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން ބޮންޑާ ވިދާޅުވެފައިވަނީ މޮރިޝަސް އަކީ މަސްވެރި ގައުމެއް ނޫނެވެ ނަމަވެސް މޮރިޝަސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މަސްބޯޓުތަކަށް ދާ އެޅުމުގެ ލައިސަންސް ދޫކުރާ ގައުމެއް ކަމަށެވެ. އަދި ބޮޑުތި މަސް ޕްރޮސެސްކުރާ ކާރުހާނާ ހަދައިގެން ދަޅުގައި މަސް ބަންދުކޮށްގެން ޔޫރަޕް ގައުމުތަކަށް ޒީރޯ ޓެރިފްގައި އެކްސްޕޯޓުކުރާ ގައުމެކެވެ. ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހަށް 22 ޕަސެންޓް ޓެކްސް ނަގައެވެ . މި މޮނޯޕޮލީ ގެ އަޑީގައި ވެސް އޮތީ މޮރިޝަޝްއެވެ.
ރައީސް ނަޝީދު ސަރުކާރުން ގެންގުޅޭ ތިމާވެށީގެ ސިޔާސަތާ އަންޑަރވޯޓާ ކެބިނެޓް ބައްދަލުވުން ދުނިޔޭގެ ސަމާލު ކަމަށް ގެނެވުނު ދުވަސްވަރު ފޯޅަވަހީގެ ބޮޑު ސަރަހައްދެއް އިންގިރޭސިވިލާތުން މެރިންޕްރޮޓެކްޓެޑް ސަރައްދެއްގޮތުގައި ކަނޑައެޅިއެވެ. އެއީ 2010 ގެ ކުރީކޮޅެވެ .
ބޮންޑާ ވިދާޅުވީ މިކަމާ ގުޅިގެން އެ ދުވަސްވަރު މޮރިޝަސް ސަރުކާރުން ރުޅިގަދަވެ އެމީހުންގެ އިގްތިސާދީ ހައްގު ގެއްލޭ ކަމަށް ކަނޑުކަހާ ބޮޑުދާނޭޅޭކަމުގެ ޝަކުވާކޮށް އިޓްލޮސްއަށް މައްސަލަ ހުށަހެޅި ކަމަށެވެ. މޮރިޝަޝްގެ ފުރަތަމަ ދައުވާ ވެސް ބިނާވެފައި ވަނީ އިންޑިޔާކަނޑުގައި ހާއްސަކޮށް ފޯޅަވައްސާ މޮރިޝަސްއާއި ދޭތެރޭ މަސްކަނޑުގައި ދާއެޅުމުވެ.
އިންޑިޔާ ކަނޑުގަ ދާއަޅަން ލައިސަންސް ދޫކުރާ ކޮންމެ ބޯޓަކުން އަހަރަކު 1.2 މިލިއަނާ 1.5 މިލިއަން ޑޮލަރު މޮރިޝަސް އިން ނަގައެވެ. މިބޯޓުތަކުގައި އެއްފަރާތުގައި ނަގާފައި ހުންނަނީ މޮރިޝަސް ގެ ދިދައެވެ ދެން އެގައުމު ނިސްބަތްވާ ގައުމުގެ ދިދައެވެ. އަދި މިބޯޓުތައް ހައިސީގައި ގައުމުތަކަށް ދޫކުރާ ކޯޓާގައި ރާއްޖޭގެ މެރިޓައިމް ބޯޓަރުގައި ގިނަފަހަރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ވެސް މަސްވެރިކަން ކުރާކަމަށް ބޮންޑާ ވިދާޅުވެއެވެ. މިއީ ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ.
މޮރިޝަސް ފޯޅަވަހި މަސްކަނޑު ހޯދައިދިނުމުގެ އަޑީގައި ފިލާ ތިބީ ދުނިޔޭގެ ކަޑުކަހާ ބޮޑުދާ އަޅާކުންފުނިތަކުގެ ފުރޭތަ ބޯޓުތައް ކަމަށާއި ބިލިއަނުން ހަރަދުކޮށްގެން ވެސް ފޯޅަވަހި އައްޑޫ މަސްކަނޑު ދަމައިގަންނަން ކަނޑުކަހާ ފުރޭތަ ބޯޓުތައް ތިބީ ކަމަރު ބަނދެގެންކަމަށް ބޮންޑާ ވިދާޅުވެއެވެ. ފޯޅަވަހި ކަނޑަކީ ދުނިޔޭގެ އެކި ކަނޑުތަކުގައި އުޅޭ ބޮޑު ކަންނެއްޔާ ކަޅުބިލަ މަސް ބިސް އަޅަން އަންނަ ސަރަހައްދެކެވެ . މި ސަރަހައްދު ގައި ބޮޑުދާ އަޅަން ފަށައިފި ނަމަ ގެއްލުންވަނީ ހަމައެކި ދިވެހި ރާއްޖެއަަކަށް ނޫނެވެ . މުޅި ދުނިޔެއަށް މިކަމުގެ އަސަރުކުރާނެއެވެ. މޮރިޝަސް އިން ތިމަންނަމެން ޗާގޯސް ސަރަހައްދު ހިމާޔަތް ކުރާނަމޭ ބުނުމަކީ ޑުރެކިއުލާ ބުލަޑް ބޭންކް ހިމާޔަތް ކުރާނަމޭ ބުނުން ފަދަ ކަމެއް ކަމަށާއި، އެކަން ގަބޫލުކުރާނީ ހޭބުއްދި ފިލާފައިވާ ދިވެހި ގައުމަށް ގައްދާރުވާ ބައެއްކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.
ބޮންޑާގެ ވާހަކަތަކަށް ބާރުލިބޭ ބައެއް ކަންތައްތައްވެސް އެބަހުއްޓެވެ. އެގޮތުން ގިނަ ޤައުމުތަކަކުން މޮރިޝަސްއާއި އެކު ހަދާފައިވާ އެއްބަސްވުންތައް ފާހަގަކޮށްލެވެއެވެ. މޮރިޝަސް އާއި އެކު އެއްބަސްވުންތައް ހަދާފައިވާ ޤައުމުތަކުގެތެރޭގައި ޔޫރަޕިއަން ޔޫނިއަންވެސް ހިމެނެއެވެ. އަދި މިދިޔަ އަހަރުތެރޭ އީޔޫއިންވަނީ ޕާޓްނާރޝިޕް އެގްރިމެންޓުގެ މުއްދަތު 2026 އާ ހަމައަށް އިތުރުކޮށްފައެވެ. މިއާ އެކު ފްރާންސް، ސްޕެއިން، ޕޯޗުގަލް އަދި އިޓަލީގެ ބޯޓު ފަހަރުތަަކަށް މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.