އިއްޔެ ދިވެހި މަސްވެރިންނަށް ދެވުނު ހިސާބަށް ދެން ނުދެވޭނެ ކަމަށް ޖޭޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު އަދި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންނާއި ކުރީގެ މިނިސްޓަރުން އަދި ސިޔާސީ ޕާޓީތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ މި މައްސަލައިގައި މީގެ ކުރިންވެސް ޖޭޕީން ޕޮޒިޝަން ނަގާފައި ވާނީ ސަރުކާރުން ނިންނި ނިންމުމާ ދެކޮޅަށް ކަމަށެވެ.
ރައީސް ސޯލިހހު ޓްރައިބިއުނަލްއަށް ފޮނުވި ސިއްރު ސިޓީއާ ގުޅިގެން، އެކަން ޕާޓީގެ ލީޑަރުގެ ސަމާލުކަމަށް އައުމާއެކު މިއީ ގައުމީ މައްސަލައެއް ކަމަށް ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެފައި ވާކަމަށް އަލީ ވިދާޅުވިއެވެ.
އަދި ދިވެހި ގައުމުގެ އިގްތިސޯދީ ސަރަހައްދުން އެންމެ އިންޗިއެއްވެސް ދޫ ނުކުރައްވާނެކަމަށާއި ސިޔާސީ އެކި ފިކުރުގެ މީހުން އެއްކޮށް އެއްވީ، ބައެއް ކަންތަކަކީ ސިޔާސީ ނުކުރާ ކަންކަމަށް ވާތީ ކަމަށް އަލީ ވިދާޅުވިއެވެ.
އެ ގައުމެއްގެ ސަރަހައްދީ މައްސަލަ ސިޔާސީ ނުކުރާނެކަން ފާހަގަ ކުރައްވައި އަލީ ވިދާޅުވީ، ހަގީގަތަކީ އިއްޔެ ދިވެހި މަސްވެރިންނަށް ދެވުނު ހިސާބަށް ދެން ނުދެވޭނެކަން ކަމަށެވެ.
އަލީ ވިދާޅުވީ ރާއްޖޭގެ ދެކުނުންވެސް 200 ނޯޓިކަލް މޭލަކީ ރާއްޖޭގެ ސަރަހައްދެއްކަން ގާނޫގައި އޮންނާނެ ކަމަށާއި މިއީ މަޖިލީހުގެ ރުހުން ނެތި، ސިއްރު ސިޓީއެއް ފޮނުވުމުގެ ނަތީޖާ ކަމަށެވެ.