ފިޝަރީޒް މިނިސްޓްރީ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ޖައިކާ) އާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ "ދަ ޕްރޮޖެކްޓް ފޮރ ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ގެ ދަށުން ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓިމެއް ޖަޕާނަށް ފުރައިފިއެވެ.
މި ޕްރޮޖެކްޓަކީ ދިވެހި މަސްވެރިން ދޮށީގައި އަދި އަތުނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅުކުރުމަށާއި، އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށާއި އަދި ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުން ތައްޔާރުކުރުމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް 2022ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދުކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން ކަމަށެވެ. އަދި އަތުނަނުގެ މަސްވެރިކަމުގައި ބާނާ ބޮޑު ކަންނެލީގެ ކޮމިޓީ ރަނގަޅުކޮށް ކަންނެލި ރިޖެކްޓް ވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުންކުރަމުންދ އުކުޅުތައް ބޭނުންކޮށްގެން ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅުކުރުމަށް ހިންގާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނި އެ މަސައްކަތް ރާއްޖޭގެ ހުރިހާ އުޅަނދަކަށް ފުޅާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ހިނގަމުންނެވެ.
ދިވެހި މަސްވެރިން ޖަޕާނަށް މިކުރާ ދަތުރަކީ މި ޕްރޮޖެކްޓްގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޖަޕާނުގެ މަސްވެރިން އެ މަސައްކަތްތައް ކުރަމުންދާގޮތް އަޖުމަ ބަލައި އެކަމާއި ގުޅޭގޮތުން ތަމްރީނު ހޯދުމެވެ. މި ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން، ޖަޕާނުގެ މަސްވެރި ދޯނީގައި އެން ގެންގުޅޭ ގޮތާއި އަދި ބޮޑު ކަންނެލީގެ ކޮލިޓީ ދަމަހައްޓާ އުކުޅުތަކާއި، މަސް ވިއްކުމުގައި ޖަޕާނުގައި އަމަލުކުރަމުންދާ ގޮތްތައް ބަލައި ޖަޕާނުގައި މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މި ދަތުރުގައި މަސްވެރިން ޖަޕާނުގައި 20 ދުވަސް ހޭދަކުރާނެއެވެ.
މި ދަތުރުގައި މި ޕްރޮޖެކްޓުގައި މިނިސްޓްރީ އާއި އަމަލީގޮތުން ބައިވެރިވަމުންދާ، ގދ. މަޑަވެލި ' ކަމަނަ ދޯނި' އއ. މަހިބަދޫ އަސުރުމާ 3، އަސުރުމާ 2، އަދި އަސަރީ ދޯނި، ޒޫމް ފިޝާ، ބ. ތުޅާދޫ ހައިޝަމް ދޯނީގެ ފަރާތުން 6 މަސްވެރިން ބައިވެރިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.