ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިއަސް، ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.
ރާއްޖެއާއި ދުރުން އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މިއަދު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. 'މޮކާ" ގެ ނަމުން ނަން ދީފައިވައި ތޫފާން މަޑުމަޑުން ހުޅަނގުއުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެއެވެ.
މެޓުން ބުނީ މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލު ބާރުމިނަށް ވައިގަދަވެ، ކަނޑުތަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެއެވެ.
އާއްމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާޒްކޮށްފައެވެ.
މިއަދުގެ މޫސުމަށް ބަލާއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.