މަސްވެރިކަމާއި ގުޅޭ

Madaveli council

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާއިރު، ރާއްޖޭގެ ސަރަހައްދުން ބައެއް ވަގަށް ނެގުން ކުށްވެރިކުރަން: މަޑަވެލީ އަންހެނުންގެ ކޮމިޓީ

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާއިރު، ރާއްޖޭގެ ސަރަހައްދުން ބައެއް ވަގަށް ނެގުން ކުށްވެރިކުރާ ކަމަށް ގދ. މަޑަވެލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމަކީ މަސްވެރިކަމަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ ކަމެއް ކަމުގައި ދެކޭތީ، އެކަމާ ގުޅިގެން މަޑަވެލީ އަންހެނުންގެ ކޮމިޓީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ، ރައްޔިތުންގެ މަޖިލީހާއި ދިވެހި ރައްޔިތުންނަށް ނޭނގި ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މައްސަލައެއް ރާއްޖޭއާ ދެކޮޅަށް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަޔަކަށް ވާގިވެރިވެ، ރައީސް ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން 45 ހާސް އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ކަމުގައިވާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި، ގޭދޮށު މަސްފެކްޓްރީއާއި، ރާއްޖޭން 100 މޭލުން ބޭރުގައި ދާ އަޅާ ކަންނެލި ޖަގަހަތަކަށް އެއްވެސް އަމަލި ސިފައެއް ގެނެވިފައި ނުވާއިރު ރާއްޖޭގެ ސަރަހައްދުން ބައެއް ވަގަށް ނެގުމަކީ އެ ކޮމިޓީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމެއް ކަމަށް މަޑަވެލީ އަންހެނުންގެ ކޮމިޓީން ބުންޏެވެ.

އަދި ރާއްޖެއަކީ ދޮށީގެ މަސްވެރިކަމަށް ނަމޫނާ ބަޔަކަށް ވާއިރު، މޮރިޝަސްއަކީ މަސްވެރިކަން ނުކުރާ އަދި ދާ އަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރާ ގައުމަކަށް ވާތީ، ކަނޑުގެ ސަރަހައްދު އިން ވަކިކުރި ގޮތުން ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އެކަމުން އަސަރު ކުރާނެ ކަމަށް މަޑަވެލީ އަންހެނުންގެ ކޮމިޓީން ފާހަގަ ކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!