މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަހުގެ މަސްވެރިކަމަށް ބޭނުންކުރާ އެން

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ އެމުގެ ބާވަތްތަކަކީ، ރެހި، ހޮނޑެލި، މިޔަރެން އަދި ބޯދިއެވެ.

ވަރަށް މަދުން ކުދި މުގުރާން ބޭނުންކުރެއެވެ. ކުދި މުގުރާން އެންހިފުމަށް ޚާއްސަކޮށް ކަޅުބިލަމަހުގެ މަސްވެރިން މަސައްކަތެއް ނުކުރެއެވެ. ކުދި މުގުރާން ހިފަނީ ދުވާލު ގަޑީގައެވެ. އެހެންނަމަވެސް، އެންވެރިކަން ވަރަށް ރަގަޅު ދުވަސްވަރު، ދިއްލައިގެން ކުދި މުގުރާން ހިފެއެވެ. އެހެން އަތޮޅުތަކާޢި ޚިލާފަށް ވ އަދި ޅ އަތޮޅަކީ މި ގޮތަށް ދިއްލައިގެން ކުދި މުގުރާން ހިފޭ 2 އަތޮޅެވެ.

ޑައިވިންގ ކޮށްގެން އެންދަމާ މަސްވެރިންގެ މައިގަނޑު އަމާޒަކީ ބޯދި ހިފުމެވެ. އެތެރެވަރީގެ ފަރުތަކުގައި މިޔަރެން ހުންނަ ދުވަސްވަރުގައި ޑައިވްކޮށްގެން މިޔަރެންވެސް ހިފައެވެ. އަދި ރެހިވެސް ހިފައެވެ. އެހެންނަމަވެސް، ރެއްސަކީ ގިނަ ވަގުތު ތާޒާކޮށް ނުގެންގުޅެވޭ އެކަމަށްވުމުން، ޑައިވް ކުރާ މަސްވެރިން އެންމެ އިސްކަންދެނީ ބޯއްޖާއި މިޔަރެން ނުވަތަ ކުދި މުގުރާން ހިފުމަށެވެ. އަދި ޑައިވް ނުކޮށް ދިއްލައިގެން އެންދަމާ މަސްވެރިންގެ މައިގަނޑު އެމަކީ ރެއްސާއި ހޮނޑެލި އަދި މިޔަރެމެވެ.

ބޯއްޖާއި މިޔަރެން ގިނަ ވަގުތު ނުވަތަ ގިނަ ދުވަހު ގެންގުޅެވެއެވެ. އަދި މިއާ ޚިލާފަށް ކާންދީ ބަލަހައްޓާނަމަ، ކުދި މުގުރާން އެއަށްވުރެ ގިނަދުވަހު ގެންގުޅެވެއެވެ. އެހެންނަމަވެސް، ރެހި އަދި ހޮނޑެއްޔަކީ ދުވަހުން ދުވަހަށް މަސްވެރިކަމުގައި ބޭނުން ކުރެވޭ އެމެކެވެ. އާންމުގޮތެއްގައި އެއް ދުވަހަށް ވުރެ ގިނަދުވަހު މި އެން ބޭނުން ނުކުރެވެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!