މަސްވެރިކަމާއި ގުޅޭ

1000x563_cmsv2_6e3908e8-0b31-53e3-87ef-fa31e580670f-7621190

ބޯވަ އާލާކުރާ ފެސިލިޓީއެއް ހުޅުވާތީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އެއްވުމެއް

ސްޕެއިންގައި ބޯވަ އާލާކުރާ ފެސިލިޓީއެއް ހުޅުވާތީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އެއްވުމެއް ބާއްވައިފިއެވެ.

ސްޕެއިންގެ މެޑްރިޑުގައި ބޭއްވި މި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ. ސްޕެއިންގައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ބޯވަ އަލާކުރާ ފެސިލިޓީގައި ސްވިމިންގ ޕޫލްތަކެއްގައި 3 މިލިއަން ބޯވަ އާލާކުރުމަށް ވަނީ ރާވާފައެވެ. މިތަން ތަރައްޤީކުރަނީ ސްޕއިންގެ ކެނަރީ އައިލެންޑުސްގައި އަންނަ އަހަރުތެރޭގައެވެ.

އެއްވުމުގައި ބައިވެރިވެފައިވާ މީހުން ގޮވާލާފައިވަނީ މިފަދަތަނެއް ތަރައްޤީކުރުމަކީ ޖަނަވާރުންގެ ހައްޤުތައް ހިމާޔަތްކުރުމާއި ދެކޮޅުކަމެއް ކަމަށެވެ. މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދަނީ ސްޕެއިންގެ ނޯވާ ޕެސްކަނޯވާ ކުންފުނިންނެވެ. މިތަން ވެގެންދާނީ ބޯވަ އާލާކުރާ ދުނިޔޭގެ ފުރަތަމަ ފެސިލިޓީއަށެވެ.

އަދި މިތަން ތަރައްޤީކުރަނީ ކަނޑުގެ ދިރުންތަށް ރައްކާތެރިކޮށްދޭ ފަދަ ގޮތަކަށް ކަމަށް އެކުންފުނިން ބުނަމުން ދިޔަ ނަމަވެސް މިއީ މި ފިކުރާ މުޅިން ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮށީގައި ބޯވަ އާލާ ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންދާ ސައިންސްވެރިންނާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ، ބޯވައަކީ ވިސްނުންތޫނު އެއްޗެއް ކަމަށެވެ. އަދި ބޯވަ އޭތި ގެންގުޅޭ މީހާއާއި ބޮޑު ގުޅުމެއް އުފެދޭ ކަމަށާއި، މިފަދަ އެއްޗެއް އެގޮތަށް ގެންގުޅެ ކެއުމަށް ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މީގެ އިތުރުން ބޯވައަކީ އެކަނި އުޅެން ލޯބި ކުރާ އެއްޗަކަށްވާއިރު، ކޮށީގައި އެގޮތަށް ގެންގުޅުމަކީ އެޔަށް ދެވޭ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

އެހެންނަމަވެސް ނޯވާ ޕެސްކަނޯވާ ކުންފުނިން ބުނަނީ އެމީހުން ކޮށީގައި އާލާކުރާ ބޯވަތަކުގެ އުޅުމާއި މިޒާޖު ތަފާތު ވާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރުންފެށިގެން މީގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ކަމަށެވެ.

ދުނިޔޭގެ ބޯވައަށް އޮންނަ މަޤްބޫލްކަން އިތުރުވެފައިވާއިރު، ބޯވަ އެންމެ ގިނަ އަދަދަށް ބޭނުންކުރަނީ އޭޝިއާގެ ޤައުމުތަކުގައެވެ. ދެވަނަ އަށް ޔޫރަޕްގެ ޤައުމުތަކުގައެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެތެރެއިން ކެއުމަށް ބޯވަ އެއްމެ ގިނަ އަދަދަކަށް ބޭނުންކުރަނީ އިޓަލީގައެވެ. އަހަރެއްގެތެރޭ 60000 ޓަނުގެ ބޯވަ އެޤައުމުގައި ކެއުމަށް ބޭނުންކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ހިސާބުތަށް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ބޯވަ ހިފަނީ އޭޝިއާ އާއި މެޑިޓުރޭނިއަންގެ ކަނޑުގެ ސަރަޙައްދުތަކުންނެވެ. ބޯވަ އަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާ އިރު، ޑިމާންޑާއި އެއްވަރަށް ދުނިޔޭގެ ބާޒާރުން ބޯވަ ނުލިބޭތީ ބޯވަ އާލާ ކުރުމުގައި ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ވިޔަފާރި ކުންފުނިތަކުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!