މަސްވެރިކަމާއި ގުޅޭ

Kooddoo 2

މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދަށް ބޮޑު ކުރިއެރުމެއް

މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންގެ އަތުން 34،082 ޓަނުގެ މަސް ގަނެފިއެވެ.

މި އަދަދަކީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި މަސް ކިރުވި އަދަދަށްވުރެ %28 އިތުރު އަދަދެކެވެ.

މިފްކޯގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިއަަހަރުގެ ޖެނުއަރީމަހުގެ 1 އިން މެއިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކަށްވަނީ 34،082 ޓަނުގެ މަސް ކިރުވާފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއަށް ކިރުވާފައިވަނީ 26،694 ޓަނުގެ މަހެވެ.

މަސް ކިރުވި އަދަދު އިތުރުވެފައިވާއިރު، މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަަނަށް މިފްކޯއިން މަސްވެރިންނަށް 567 މިލިއަން ރުފިޔާވަނީ ދޫކޮށްފައިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 430 މިލިއަން ރުފިޔާއެވެ.

މިފްކޯގެ ސެންޓަަރުތަކުގެތެރެއިން އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެ ސެންޓަރަށް އަހަރުގެ މިހާތަނަށްވަނީ 25،887ޓަނުގެ މަސް ކިރުވާފައެވެ. އެންމެ މަދުން މަސް ކިރުވާފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ. އެސެންޓަރަށް ކިރުވާފައިވަނީ 3897 ޓަނުގެ މަހެވެ.

 

މިފްކޯއިން ދަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ މަސް ކިރުމުގެ މަސައްކަތަށް އިތުރު ބޯޓެއް ގެނެސްފައެވެ. ޖަޒީރާ 103ނަން ދީފައިވާ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!