މަސްވެރިކަމާއި ގުޅޭ

FtVRHtnaQAIOyZR

ފިޝަރީޒް މިނިސްޓަރު އެގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން: ނަޝީދު

ރިޖެކްޓް ކުރާ މަސްތަކުގެ އަދަދު ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހާމަ ނުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރިޖެކްޓް ކުރާ މަސްތަކުގެ މައުލުމާތު ހޯދަން ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)އެވެ. ފިޝަރީޒް މިނިސްޓަރަށް ހުށަހެޅުއްވި ސުވާލުގައި އެއްސެވީ ފާއިތުވި ތިން އަހަރު މިފްކޯއިން ތައިލެންޑްއަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޝަން ލެވެލް ނުވަތަ ޝިޕްމަންޓްތަކުގެ އިން ސައްތައާއި އެ މަހަށް ހަދާ ގޮތް ސާފުކޮށްދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތުތަކަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ މައުލޫމާތުތަކެއް ނޫން ކަމަށާއި އެ މައުލޫމާތުތައް ބަލަހައްޓާ ކަމަށް ބެލެވެނީ މިފްކޯއިން ކަމަށެވެ. އަދި މިފްކޯއަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިނގާ ކުންފުންޏެއް ނޫންކަން ވެސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އެ ޖަވާބާ މެދު ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެންނެވިއެވެ. އަދި ރިޖެކްޓް މަހާ ބެހޭ މައުލޫމާތުތަކީ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަމަކަށް ނުވާ ކަމަށް ވިދާޅުވުމުން، މިނިސްޓަރާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް ބައްލަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެއެވެ.

"އެ ބޭފުޅާއާ ބެހޭ އަދި ނުބެހޭ ކަންކަން ކަނޑައަޅުއްވާނީ ވަޒީރު އަމިއްލަފުޅަކަށް ނޫން. މިތަނުން [މި މަޖިލީހުން] ވާނެ ކޮންމެ ވުޒާރާއަކަށް މަސައްކަތްތައް ހަވާލު ކުރެވިފައި. އެހެންކަމުން މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވަނީނަމަ ވަޒީރަށް އެ ހުންނެވެނީ ނުބައި މަގެއްގައި." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މެމްބަރު އެ ސުވާލު ކުރެއްވި ސަބަބުވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރިޖެކްޓް މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ހިންގާ އަމަލެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމުގެ މައްސަލަތައް ބެލިއިރު މަޖިލީހަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މަސް ރިޖެކްޓް ކުރީ ކަމަށް ބުނެ އޭގެ ނާޖާއިޒް ފައިދާ ވަރަށް ގިނައިން ނަގަފައިވާ ކަމަށާއި އެހެންކަމުން ރިޖެކްޓްވާ މަހުގެ މައުލޫމާތުތަކީ ކޮންމެހެން ވެސް ބަލަހައްޓަން ޖެހޭ މައުލޫމާތުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެ މައުލޫމާތުތައް ނުބެލެހެއްޓުމަކީ ގާނޫނޫ ހިލާފުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!