މި ސަރުކާރުން ވެރިކަމަށް އައުމަށް 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން، މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ހުށަހެޅި ދެ ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އިއްޔެގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށެވެ.
ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވި 49 މެންބަރުން ތެރެއިން ހަތް މެންބަރުންނެވެ. ބާކީ 42 މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ.
ދެވަނަ ގަރާރަކީ އެމްޑީޕީ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތު ފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރެވެ.
އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވެސް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ.