ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިދިކޮޅުގެ ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
"ބާނާ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި ބާއްވާ މި ހަރަކާތް ބޭއްވުމަށް ހަމަޖެފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރައްހައްދުގައެވެ. މި ޖަލްސާގައި ގިނަ ބަޔަކު މި އެއްވުމުގައި ވާހަކަދައްކާނެ ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރެއިންވެސް މީހުން މާލެއަށް އަންނާނެއެވެ.
މިއީ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަނޑު ވިއްކާލި ކަމަށްބުނެ ރާއްޖޭގެ މަސްކަނޑު އަނބުރާ ހޯދުމަށް ގޮވާލާ ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއް ކަމަށްވެސް މި ޖަލްސާ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެ-މޮރިޝަސްއާ ފުށުއަރާ ސަރަހައްދު ދެގައުމަށް ހަމަހަމައަށް ބަހަން ނިންމުމާއެކު، ރާއްޖޭގެ މަސްވެރިންނަށް ދެކުނުގައި ކުރިން މަސްވެރިކަން ކުރެވޭ 45،000 އަކަކިލޯމީޓަރެއް ވުރެ ބޮޑު ސަރަހައްދެއް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.