ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރިފިއެވެ.
މެޓް އޮފީހުން ސަމާލު ނެރިފައިވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 9:25އިން 15:00އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި އަޑިއަކު40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ. އެގޮތުން މިހާރު މިއީ ހުޅަނގު މޫސުމުގެ ފަސް ވަނަ ނަކަތް ކަމުގައިވާ "މިއަހެލި" ނަކަތެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މި ނަކަތް ދެމިގެންދާނެއެވެ.
މި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.