FxyKAHjaAAETo0O

ރާއްޖެ - ޔޫކޭ ފްރީ ޓްރޭޑް އެއްބަސްވުމާއި އެކު މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބޭނެ: ފައްޔާޒް

ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއް ޤާއިމްވެގެން ދޔުމުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ޢާންމުކޮށް އިޢުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެންދިޔުމީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް މިނިސްޓަރވަނީ ޝުކުރު އަދާކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް މިސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މިގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.

މި މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެކަމަށް ސަރުކާރުންދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!