sharkkkks

ފަތުރުވެރިއަކަށް ހަމަލާދިން މިޔަރެއް މަރާލައިފި

މިސްރުގައި ފަތުރުވެރިއަކަށް ހަމަލާދިން މިޔަރެއް މަރާލައިފިއެވެ.

އިންޑިޕެންޓެންޓު ނޫހުގައިވާގޮތުން ފަތުރުވެރިންގެ މެދުގައި މަޤްބޫލް ހިސާބެއް ކަމުގައިވާ ހުރުގަންޑާގައި ހިނގި މި ހާދިސާގައި މިޔަރު ހަމަލާދީ ވަނީ ރަޝިއާގެ ފަތުރުވެރިއެއް މަރާލާފައެވެ. 23 އަހަރުގެ އެ ފަތުރުވެރިއާއަށް ހަމަލާދީފައިވަނީ 10 ފޫޓުގެ ބޮޑު ޓައިގާ ޝާކެކެވެ. ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެ ރިސޯޓަށް ފަތުރުވެރިޔާ ގޮސްފައިވަނީ އޭނާގެ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.

މިޔަރު ހަމަލާދިން އިރު ބީޗުމަތީ އޭނާގެ ބައްޕަވެސް ހުއްޓެވެ. އެހެން ނަމަވެސް ދަރިފުޅު ސަލާމަތްކުރަން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާ ބުނި ގޮތުގައި ބީޗަށް ދަރިފުޅާ އެކު ދިޔައީ މަޖާކޮށްލުމަށް ކަމަށާއި، އެހެންނަމަވެސް މިޔަރު ހަމަލާގައި ދަރިފުޅު މަރުވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށެވެ.

އެވަގުތު ބީޗުގައި ތިބި އެހެން ބައެއް މީހުންނާއި ހަވާލާދީ ހަބަރުތަކުގައި ބުނެފައިވަނީ މިޔަރު ވަނީ 2 ގަޑިއިރުވަންދެން އޭނާގެ ހަށިގަނޑުން މަސް ކައިފައެވެ.

މި ހާދިސާއަށްފަހު މިސްރުގެ ކަމާއި ގުޅޭ ފަރާތްތަކުންވަނީ އެ މިޔަރު އަތުލައިގަނެފައެވެ. އެގޮތުން ދާ ގަނޑެއް ބޭނުންކޮށްގެން އޭތި ހިފާ ބީޗަށް ގެންގޮސް ވަނީ މަރާލާފައެވެ. ބީޗުގައި ތިބި މީހުންވެސް އެއަށް އަނިޔާ ކުރާ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އަދި މި ހާދިސާއާއި ގުޅިގެން އެއްގަމުން ފެށިގެން 46 މޭލަށް ވަނީ ބަންދުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީއިންވެސް ވަނީ މިޔަރު ހިފާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އޭތި މިގޮތަށް އިންސާނަކަށް ހަމަލާދީފައިވާ ސަބަބު ދެނެގަތުމަށް ލެބޯޓްރީގައި ތަހްލީލްތައް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރެޑް ސީގެ އައްސޭރިފަށުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތަކަކީ އާއްމު ކަމެއް ނޫނެވެ. އެހެންނަމަވެސް 2022ވަނަ އަހަރުތެރޭވެސް އޮސްޓްރޭލިއާ ފަތުރުވެރިއަކާއި ރޯމޭނިއާ ފަތުރުވެރިއަކަށް ހަމަލާދީފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!