ވެލާ ކަހަނބާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގައި އަދިވެސް ހިމާޔަތްކޮށްފައިވާ ބާވަތްތައް ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ހާމަކޮށްފިއެވެ.
އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ތަންފީޒް ކުރަމުންދާ ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި މަސްވެރިކަމުގެ ތެރޭގައި ނެގުމާއި ހިފުން މަނާ ބާވަތްތަކުގެ ތެރެއިން ވެލާކަހަނބާއި މަޑީގެ ބާވަތްތައް އުނިކުރުމާ ގުޅޭގޮތުން، ބައެއް ނޫސްތަކުގައި އާއްމު ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާކަމަށެވެ.
އީޕީއޭއިން ބުނީ ވެލާ ކަހަނބާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގައި އަދިވެސް ހިމާޔަތްކޮށްފައިވާ ބާވަތްތައްކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ހުރިހާ ބާވަތެއްގެ ވެލާ ކަހަނބެއްވަނީ " ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެ 4ވަނަ މާއްދާގެ ދަށުން 4 އޭޕްރީލް 2016ގައި ޙިމާޔަތްކޮށް ނަންބަރު އިޢުލާނުން އާއްމުކޮށް އަންގާފައެވެ. އަދި މިއާގުޅިގެން ވެލާ ކަހަނބުގެ ބާވަތްތައް ހިފާ ގެންގުޅުމާއި އޭގެ ބިސްނެގުމާއި، ބިސްވަޅުތަކަށް ގޯނާކުރުމާއި، އޭގެ ބައިތަކުގެ ވިޔަފާރި ކުރުމާއި، އެތަކެއްޗަށް އެއްވެސް ގޯނާއެއް ކުރުމާއި، އެތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމާއި، އެތަކެއްޗާއި، އެތަކެތީގެ ބިހާއި، އޭގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓްކުރުމާއި، އެތަކެއްޗާއި ގުޅޭގޮތުން އީޕީއޭގެ ހުއްދަނެތި ދިރާސާކުރުމާއި، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.
އަދި މި އާހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ޤުދުރަތީ ގޮތުގައި ނުވަތަ ތަބީއީގޮތުގައި ހިމާޔަތްކޮށް ރަށްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އީޕީއޭއިން ބުނެއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އީޕީއޭއިން އަންގާ އެންގުންތަކާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށްވެސް އީޕީއޭއިން އެދެއެވެ.