މަސްހިފާ ދާ 300 ފޫޓަށްވުރެ ދިގުވެގެން ނުވާނެ: ގަވާއިދު

Farumas hifun

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދާ 300 ފޫޓަށްވުރެ ދިގުވެގެން ނުވާނެ ކަމަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ބުނެއެވެ.

އެ އިސްލާހުގައި، ދާ ބޭނުން ކުރަން ވާނެ ގޮތުގެ އުސޫލު ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މަސްވެރިކަން ކުރުމަށްޓަކައި ދާ ދެމުމަށްފަހު ދާ ދޫކޮށްލާފައި ނުދިއުމަށް ގަވާއިދު ބުނެއެވެ.

އަދި މަސްވެރިކަން ކުރުމަށް ދާ ބޭނުން ކުރާއިރު ފަރަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގަވާއިދު ބުނެއެވެ. އަދި އެ ގަވާއިދުގައި ބުނަނީ، ދެ ގަޑިއިރަށްވުރެ ގިނައިރު ދާ ދަމާފައި ނުބޭއްވުމަށެވެ.

އެ ގަވާއިދާ ހިލާފަށް ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރާނަމަ، އެކަން ކުރީ ވަކި ފަރުދަކު ނަމަ 3،500 ރުފިޔާއިން އެމީހަކު ޖޫރިމަނާ ކުރާނެއެވެ. އަދި އެކަން ކުރީ އުޅަނދަކުން ނަމަ އެ އުޅަނދެއްގެ ކެޔޮޅު ނުވަތަ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދު ބުނެއެވެ.

އަދި ކުށް ތަކުރާރު ކޮށްދިނަމަ، އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުކޮށް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ