މަދުން ނޫނީ ނުފެންނަ ބާވަތުގެ މިޔަރެއް ޓައިވާންގައި ބާނައިފިއެވެ.
800 ކިލޯ ހުރި މި މިޔަރަކީ މޫދުގެ ވަރަށް އަޑީގައި އުޅޭ ބާވަތުގެ މިޔަރެކެވެ. ގޮބްލިން ޝާކުގެ ނަން ދެވިފައިވާ މި މިޔަރުގެ ހަންގަނޑު ހުންނަނީ ވަރަށް ތުނިކޮށެވެ. ފިޔާތޮށި ކުލައަކަށް ގައި ހަންގަނޑު ހުންނައިރު އަނގައިގައި ތޫނު ދަތްތަކެއް ހުރެއެވެ.
މި ބާވަތުގެ މިޔަރަށް "ޑެވިލް ޝާކް" އޭވެސް ކިޔާއުޅެއެވެ. މިއީ ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއް ކަމުން މިއީ މި ބާވަތުގެ މިޔަރާއި ގުޅޭ މައުލޫމާތުތައް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ދާ ޖަހައިގެން މަސްވެރިން މި މިޔަރު ހިފާފައިވާއިރު، އެމީހުން ވަނީ އޭތި ރެސްޓޯރެންޓަކަށް ވިއްކާލުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ މިޔަރާއި ގުޅޭ މައުލޫމާތު ޓައިވާން އޯޝަން އާޓް މިއުޒިއަމަށް ލިބުމާއި އެކު އެކަން ވަނީ ހުއްޓުވާފައެވެ.
އަދި މިޔަރުވަނީ މިއުޒިއަމްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މިއުޒިއަމުން މައުލޫމާތުދޭގޮތުގައި މިޔަރުގެ ބަނޑުންވަނީ ކުދި 6 މިޔަރު ފެނިފައެވެ.
ޓައިވާން އޯޝަން އާޓް މިއުޒިއަމުން ބުނީ އާއްމުންނަށް ދައްކާލުމަށް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. މި ބާވަތުގެ މިޔަރަކީ ކަނޑުގެ 1200 މީޓަރު އަޑީގައި އުޅޭ ބާވަތުގެ މިޔަރެކެވެ.
ގޮބްލިން ޝާކަކީ އިންސާނުންނަށް ހަމަލާދީ ބާވަތުގެ މިޔަރެއް ނޫނެވެ.