ބްރެޒިލްއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގަނެފިއެވެ.
ޙަބަރުތައް ބުނާގޮތުގައި ބްރެޒިލްގެ ކަމާގުޅޭ ފަރާތްތަކުން އަތުލައިގަނެފައިވަނީ ގާތްގަނޑަކަށް 29 ޓަނުގެ މިޔަރު އުރަހައެވެ. މި އެއްޗެހި އަތުލައިގަނެފައިމިވަނީ ބްރެޒިލްއިން އޭޝިއާއަށް އެކްސްޕޯޓުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.
މިއީ މިހާތަނަށް ދުނިޔޭގައި އެއް ގައުމަކުން މިގޮތަށް އަތުލައިގަނެވިފައިވާ އެންމެ ބޮޑު ޝިޕްމަންޓެވެ. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އިބާމާ އެޖެންސީއިން ހާމަކުރާގޮތުގައި މިޔަރުގެ އުރަތަކުގެ ބޭނުމުގައި 1000 އެއްހާ ބްލޫ ޝާކް އަދި ޝޯޓް ފިން މަކޯ ޝާކްތައް މަރާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މި ދެ ބާވަތުގެ މިޔަރަކީ ބްރެޒިލްގެ ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެތެރޭގައި ހިމެނޭ ބާވަތްތަކެކެވެ.
އިބާމާއިން ހާމަކުރާގޮތުގައި މިއީ ތާރީޙުގައިވެސް މިހާ ގިނަ އަދަދަކަށް މިޔަރު އުރަހަ އަތުލައިގަނެވުނު ފަހަރެވެ.
މިޔަރުގެ މަސްވެރިކަން ކުރުމަކީ ބްރެޒިލްގައި މަނާކަމެކެވެ.
އަތުލައިގަތް މިޔަރު އުރަހާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންތައްތައް ކަމާގުޅޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި މިކަމުގައި ޝާމިލްވާ ވިޔަފާރި ކުންފުނިތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބްރެޒިލްގެ ސަރުކާރުން ހާމަކުރެއެވެ.